މާލެ އަތޮޅު ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިން ބަންޑުން ޖަހާލި މުދާ އުފުލާ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް، ކަނޑުގެ އިތުރުން ވައިގެ މަގުންވެސް ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 7:20 ހާއިރު، ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި “ބަލްމާ-6” ނަމަކަށް ކިޔާ ބޯޓު ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިން ބަންޑުން ޖަހާލުމާ ގުޅިގެންނެވެ. މި ބޯޓު ބަންޑުން ޖަހާލިއިރު އޭގައި ހަތަރު މީހުން ދަތުރުކުރަމުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ދެ މީހަކު ގެއްލިގެން ހޯދަން ފެށިއިރު، އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު އިއްޔެ ވަނީ ތާޖް އެގްޒޯޓިކާ ކައިރިން ފެނިފައެވެ. ނަމަވެސް، އަނެއް މީހާ އަދިވެސް ފެނިފައި ނުވާއިރު، ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލުނު މީހާ ހޯދުމަށްޓަކައި ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ވައިގެ މަގުން ޑްރޯން ނުވަތަ އެއާކްރާފްޓް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. “ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމުގައި ދަންނަވަން،” އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން ދަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންވެސް މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމުންނެވެ. އަދި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

