ގދ. ފިޔޯރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ބީފާން ވޮލީ މުބާރާތް 2026 ގެ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގައި ފިޔޯރީ އަދި ފުވައްމުލަކު ދަނޑިމަގު ސްޕޯޓްސް ރެކްރިއޭޝަން ވާދަކުރި މެޗު ފިޔޯރީން ކާމިޔާބުކޮށްފިއެވެ.
ފިޔޯރީ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު ފިޔޯރީން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ.
މިއީ މި ދެޓީމް މި މުބާރާތުގައި ވާދަކުރި ދެވަނަ ފަހަރެވެ. ފުރަތަމަ މެޗު ކާމިޔާބު ކުރީ ދަނޑިމަގު ސްޕޯޓްސް ކުލަބެވެ.
މިރޭގެ މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ދެޓީމްގެ ކުޅުންވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދެޓީމްގެ ބާރު ޝޮޓުތަކެއް ފެނިގެން ދިޔަ މި ސެޓުގައި ދަނޑިމަގުގެ ޝަމާއިލް (19) އަދި ބިދޭސީ ކުޅުންތެރިޔާ ކަވިޝްކާ (18) ގެ ވަރަށް މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މި ސެޓުގައި ފިޔޯރީގެ ކާމިޔާބު ޝޮޓުތަކެއްވެސް ވަނީ ފޮނުވާލާފައެވެ. މި ސެޓު 25،18 އިން ކާމިޔާބުކުރީ ދަނޑިމަގެވެ.
މުބާރާތުގައި ކުޅުނު އެންމެ ފޯރިގަދަ މެޗުގެ ދެވަނަ ސެޓުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ވަނީ ފެނިފައެވެ. ދެޓީމްގެ މެދުގައި މާބޮޑު ފަރަގެއް ޕޮއިންޓްގެ ގޮތުން ނެތްނަމަވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. މި ސެޓުގައި އަލީ ހުޒާމް (12) މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މި ސެޓު 21،25 ފިޔޯރީން ވަނީ ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓުގައި ވެސް ފެނިގެން ދިޔައީ ދެވަނަ ސެޓުގައި ފިޔޯރީން ފެނުނުފަދަ މޮޅު ކުޅުމެކެވެ. ދެޓީމްގެ ބާރު ޝޮޓުތަކާއިއެކު ގާތްގާތުގައި ޕޮއިންޓްތައް ދިޔަ މިސެޓު ފިޔޯރީން ކާމިޔާބު ކުރީ 25،23 އިންނެވެ.
ހަތަރުވަނަ ސެޓު ފަށައިގެން ދަނޑިމަގުގެ ކުޅުންތެރިޔާ ޝަމާއިލް ގާތްގާތުގައި ކާމިޔާބު ކުރި ޕޮއިންޓްތަކުން ފިޔޯރީއަށް މެޗު ތެރެއަށް ވަންނަން އުނދަގޫވިއެވެ. މި ސެޓުގައި ޝަމާއިލްގެ ކާމިޔާބު ބާރު ޝޮޓުތަކެއް ވަނީ ފޮނުވާލާފައެވެ. ރެފްރީގެ ނިންމުމާއިމެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ދަނޑިމަގުގެ ބިދޭސީ ކުޅުންތެރިޔާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ރެފްރީންގެ ނިންމުންތަކާއިމެދު ދެޓީމުންވެސް ހިތްހަމަ ނުޖެހުން ފާޅުކުރި މިސެޓު ދަނޑިމަގު ކާމިޔާބު ކުުރީ 25،19 އިންނެވެ.
ނަތީއްޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ފަށައިގެން ގާތްގާތުގައި ފިޔޯރީން ވަނީ 3 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިސެޓުގައި ރެފްރީގެ ނިންމުމާއިމެދު ހިތްހަމަނުޖެހުން ފާޅުކުރި ދަނޑިމަގުގެ ޖާޒީ ނަންބަރު 1 ނައް. ޕޮއިންޓެއްގެ ތަފާތުން ސްކޯކުރަމުން އައި މިސެޓުގައި ފިޔޯރީގެ ޖާޒީ ނަންބަރ 8 އިޝާންއަށްވެސް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ގިނައަދެއްދެ ސަޕޯޓަރުންގެ ސަޕޯޓާއިއެކު ކުޅުނު މި ސެޓުގެ ކޮޅުބަދަލުވި އިރު 8-7 އިން ކުރީގައި އޮތީ ފިޔޯރީއެވެ. ކޮޅަކަށް ޕޮއިންޓެއް ނަގަމުން އައި މި ސެޓުގެ ފަހުކޮޅު ފިޔޯރީން ވަނީ 2 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަލީ ހުޒާމްގެ ކާމިޔާބު ބްލޮކްތަކެއް ފެނިގެން ދިޔަ މިސެޓަކީ ފޯރިގަދަ ސެޓެކެވެ. މި ސެޓު 15،12 އިން ނަގައި މެޗު ވަނީ ކާމިޔާކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިޔޯރީގެ ޖާޒީ ނަންބަރ 11 ޖަގްދަތަރް ސިންގް އެވެ.
މުބާރާތުގައި ފިރިހެން ޑިވިޝަންގައި މާދަމާ ހަވީރު ދަނޑިމަގު ނިކުންނާނީ ރަތަފަންދޫ އާއި ދެކޮޅަށެވެ. މި ދެޓީމް ފުރަތަމަ ލެގުގައި ވާދަކުރި މެޗުން މޮޅުވީ ރަތަފަންދޫއެވެ. މި މެޗުން ދަނޑިމަގު ބަލިވެއްޖެ ކަމަށް ވާނަމަ އެޓީމް މި މުބާރާތުން ކަޓާނެއެވެ.

