ހައްޤުގޮތުގައި ހައްޤައްޓަކައި ސާބިތުވެ ތިބެ ޖިހާދުކުރާ މީހުންނަކީވެސް ޝަހީދުންގެ މަސައްކަތާއި އެއްވަރުގެ މަސައްކަތެއް ކުރައްވާ ބައެއްކަމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ. އައްބާސް މިހެން ވިދާޅުވީ 1447 ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެނަލް ޑިސްކަޝަން ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
އައްބާސް އިބްރާހީމް ވިދާޅުވީ ޝަހީދުންނޭ ދެންނެވުމުން ހިތަށް އަސަރުތަކެއް ކުރާކަަމަށާއި، އޭގެ ސަބަބަކީ ޝަހީދުންނާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވާ އާޔައްތަކުގެ މާނައާއި ޝަހީދުންނާއި ގުޅޭގޮތުން ދައްކާ ވާހަކަތަކުގެ އިތުރުން، އަމިއްލައަށް ޝަހީދަކަށްވާން ބޭނުންވާލެއް ބޮޑުކަމުން ކަމަށެވެ. އިސްލާމްދީނުގައި ޝަހީދުންނަކީ އަގީދާއާއި ދީނުގެ ހައްގުގައި މަސައްކަތްކޮށް ނިމިގެންދާ ބައެއްކަމަށާއި، އެމީހުންނަކީ ހިއްވަރާއި އަޒުމާއެކު އަމަލުން ޤުރުބާނީ ސާބިތުކޮށްދޭ ބައެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަހީދެއްގެ ދަރަޖައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، “ކޮންމެ ޝަހީދަކީ މަރުވާ މީހަކަށް ނުވެދާނެ. އެހެންނަމަވެސް އޭނަ މަރުވަންދެން ޝަހީދުވުމަށް އޭނާ ކުރާ މަސައްކަތަކީ އޭނައަށް ޝަހީދެއްގެ ދަރަޖަ ލިބިގެންދާނެ ކަންތައްތައް. އެހެން ގޮތަަކަށް ދަންނަވާނަމަ ހައްޤައްޓަކައި ހައްޤުގޮތުގައި ސާބިތުވެ ތިބެގެން ﷲ އަށްޓަކައި ޖިހާދު ކުރަމުންދާ މީހުން އެކުރަމުންދަނީ ހަމަ ޝަހީދުވުމުގެ މަސައްކަތް،” ކަމަށެވެ. އަދި ހަނގުރާމައިގެ ބިމެއްގައި ފުރާނަ ވަކިވެދިޔުމުގެ ނަސީބު ނުލިބުނު ކަމުގައިވިޔަސް، އެފަދަ މީހުންނަކީ ޝަހީދުންގެ ދަރަޖައިގެ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ފަހަކަށްއައިސް ބައެއް ފަރާތްތަކުން ޤައުމައްޓަކައި ޖިހާދުވި އަބްތޯލުންގެ ޤުރުބާނީއާއި މެދު ސުވާލު އުފައްދަމުންދާކަން ފާހަގަކުރައްވައި، އެއީ ޤައުމަށް އޮތް ނުރަކަލެއްގެ ގޮތުގައި އައްބާސް ސިފަކުރެއްވިއެވެ. މި ޕެނަލް ޑިސްކަޝަންގައި އަލްއުސްތާޛް ކަށިމާ ޢަޙްމަދު ޝާކިރު، ކާނަލް ޙުސައިން ޢަލީ އަދި އައްޝައިޚް އަޙްމަދު ފަހުމީދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދު ކުރައްވަނިކޮށް ޢަލީރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރާ ދުވަހެކެވެ. މިއީ އިސްލާމްދީނާއި މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވި ބަތަލުންގެ ޒިކުރާ އާކުރުމުގެ މަގްސަދުގައި ފާހަގަކުރާ ދުވަހެކެވެ. ރާއްޖޭގައި މިދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ 14 ޖޫން 1980 ގައެވެ.

