މި އަހަރުގެ ޙާފިޡުން ދަސްވެނިވުމުގެ ޚާއްޞަ ޙަފްލާ، ކުރިއަށް އޮތް ރަމަޟާންމަހުގެ 12 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީގެކުރިން މި ޙަފްލާ ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ރަމަޟާންމަހުގެ 27 ވިލޭރޭގައެވެ. ނަމަވެސް، މިހާރު ތާރީޚަށް ގެނައި ބަދަލާއެކު މި ޙަފްލާ އޮންނާނީ ރަމަޟާންމަހުގެ 12 ވަނަ ދުވަހުގެ ރޭގައެވެ. މީލާދީ ތާރީޚުން ބަލާނަމަ އެއީ މާރިޗު މަހުގެ 1 ވަނަ ދުވަހެވެ.
މި އަހަރު 30 ޙާފިޡުން ދަސްވެނިވާނެ
ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި މި އަހަރުގެ ޙަފްލާގައި 30 ޙާފިޡުން ދަސްވެނިވާނެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ޙަފްލާގައި ޖުމްލަ 42 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ޙާފިޡުން ތަމްރީންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި މިހާރު ތިބި ޙާފިޡުންގެ ޢަދަދު ވަނީ 291 އަށް އަރާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ލަފާކުރާ ގޮތުގައި ރަމަޟާންމަހުގެ ކުރިން ރާއްޖޭގައި ތިބި ޙާފިޡުންގެ ޢަދަދު 300 އަށް އަރާނެއެވެ.
ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުން
ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޡުންނަށް ދައުލަތުން ދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ.
މީގެ އިތުރުން، ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ދަސްވެނިވުމުގެ ޙަފްލާތައް ބާއްވަން ފެށުމަކީވެސް މި ދާއިރާއިން ކުރިއަށްދާ ފަރާތްތަކަށް ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

