ދިވެހި ދައުލަތާ ވަކިވެ، ރާއްޖޭގެ ދެކުނުގައި ގާއިމުކުރި ޔުނައިޓެޑް ސުވައިދީބް އައިލެންޑްސްގެ ރައީސްކަން ކުރެއްވި އައްޑޫ އަބްދުﷲ އަފީފް ދީދީގެ ހުވަފަތް އަނބިކަނބަލުން އަނީސާ އަލީ ދީދީގެ ހާލު ސީރިއަސްވެ، ސީޝެލްސްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ތާރީހު ދިރާސާ ކުރައްވާ ނާޖިހު ދީދީ، މީސްމީޑިއާގެ މަންސައެއް ކަމަށްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އަނީސާއަށް ފަރުވާ ދެއްވަމުން އަންނަނީ ސީޝެލްސްގެ އައިސީޔޫގައެވެ. އަދި އެ ޕޯސްޓުގައި އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.
އަފީފް ދީދީ އަކީ ރާއްޖޭގެ ދެކުނުގައި ސުވައިދީބްގެ ނަމުގައި ވަކި ވެރިކަމެއް ގާއިމު ކުރުމުގެ ސަބަބުން ދިވެހި ސަރުކާރުން ދިން އަދަބުތަކަށް ފަހު، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ސީޝެލްސްއަށް ގެންދިޔަ ބޭފުޅެކެވެ. އޭރުއްސުރެ އޭނާގެ އާއިލާ ދިރިއުޅުއްވަމުން އައިސްފައިވަނީ އެގައުމުގައެވެ. އަބްދުﷲ އަފީފު ދީދީ އަވަހާރަވެފައިވަނީ 1993 ވަނައަހަރު ސީޝެލްސްގައެވެ.
އަނީސާއަކީ ސީޝެލްސްގެ ނައިބު ރައީސްކަން ފާއިތުވި ފަސް އަހަރު ފުރުއްވާފައިވާ އަހުމަދު އަފީފުގެ މަންމާފުޅެވެ. އަނީސާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އާއިލާއާއި ގާތް ފަރާތްތަކުން ދަނީ އޭނާއަށް ހެޔޮ ދުއާ ކުރުމަށް އެދެމުންނެވެ.

