ރާއްޖޭގެ ސްކައުޓް ހަރަކާތަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) މިއަދު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މުޙައްމަދު ޚާލިދަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކައުޓް ތަޢާރަފްކޮށް ފުޅާކުރުމަށް ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަޤާމު ފުރުއްވާފައިވާ ޚާލިދަކީ އެ އެސޯސިއޭޝަންގެ ޕަރމަނަންޓް މެންބަރެއްވެސް މެއެވެ.
ޚާލިދު ވަނީ އޭނާގެ މުޅި ހަޔާތް ސްކައުޓް ހަރަކާތުގެ ތެރޭގައި ހޭދަކުރައްވައި، ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ސްކައޓް ހަރަކާތުގެ ތެރެއިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އޭނާގެ ވަކިވެދިއުމަކީ ރާއްޖޭގެ ސްކައުޓް އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ހުސްކަމެކެވެ.
މުޙައްމަދު ޚާލިދު ނިޔާވުމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ޚާލިދަކީ ސްކައުޓް ހަރަކާތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އެ ޖަމްޢިއްޔާއަށް އޭނާގެ ވަކިވެދިއުމުން ފޫނުބެއްދޭނެ ވަރުގެ ބޮޑު ހުސްކަމެއް ލިބިފައިވާ ބޭފުޅެއް” ކަމަށެވެ.

