އަލިރަސްގެފާނު ފަދަ އަޒުމް ވަރުގަދަ ދަރިން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހުގެ މުނަސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް 482 އަހަރު ފުރިފައިވާއިރު، ރައީސް ވިދާޅުވީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް އެ ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާ މިއަދު އާކުރަނީ އެހާމެ ޝުކުރުވެރިކަމާއެކު ކަމަށެވެ. “އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ އަޒުމް ވަރުގަދަ ދަރިން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ. މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ގައުމު ދެމިއޮންނާނެ،” ރައީސް ވިދާޅުވިއެވެ.
މި ދުވަހުގެ މުނަސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާ ވިދާޅުވީ އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައުކުރަމުން، އަމާންކަމާއި މިނިވަންކަމުގައި އަބަދުމެ ދިވެހިރާއްޖެ ދެމިއޮތުމަށް އެދި ދުޢާކުރައްވާ ކަމަށެވެ.
ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ޢަލިރަސްގެފާނު ކުރެއްވި ޖިހާދާއި، ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ ބައިވެރިން ވެވަޑައިގެންނެވި ގުރުބާނީގެ އިތުރުން، 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބަތަލުންގެ ހަނދާން އައުކުރާ ދުވަހެވެ. ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުން ފެށިގެންނެވެ.
އަލިރަސްގެފާނަކީ ރާއްޖޭގެ ރަސްކަން ދެ މަހާއި 15 ދުވަހުގެ ކުރު މުއްދަތަކަށް ކުރެއްވި ބޭފުޅެއް ނަމަވެސް، އެމަނިކުފާނު ވެވަޑައިގެންފައިވަނީ ދިވެހި ތާރީޚުގައި މިނިވަންކަމަށްޓަކައި އެންމެ ވަރުގަދަ ޖިހާދެއް ކުރެއްވި އެއް ބަޠަލަށެވެ.

