ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިމަހުގެ 9 ވަނަ ދުވަހު ހިންގި ހަމަނުޖެހުމަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު 12:15 ހާއިރުއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިލަކް ޗޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ އާއި ޕްރިޔަންތަ ސިލްވާދެވަނިއްތިގެ އެވެ. މި ދެމީހުންނަކީވެސް ސްރީލަންކާގެ ރައްޔިތުންނެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުން ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެއާޕޯޓުގައި ހިނގި މި ހަމަނުޖެހުމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

