މުޅި ރާއްޖެއަށް އަދިވެސް ދުންފުނީގެ އަސަރު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވައި ނުސާފުވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. މެޓް އޮފީހުން ބުނި ގޮތުގައި މިހާރު މާލެ ސަރަހައްދުން ދުރު ފެންނަ މިންވަރު ހުރީ ތިން ކިލޯމީޓަރުގައެވެ.
ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ “އައިކިއު އެއާ” ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މާލޭގެ ވައިގެ ކޮލިޓީ ހުރީ 111 ގައެވެ. ވައިގައި ހިމެނޭ “ފައިން ޕާޓިކިއުލޭޓް މެޓާ” (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42.5 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 9.7 ގުނަ މަތީ އަދަދެކެވެ.
ވައިގެ ނުސާފު މިންވަރު މިހާރު ހުރީ ސިއްޙަތަށް ނުރައްކާވާ މިންވަރެއްގައެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި ފުއްޕާމޭގެ މައްސަލަތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުންނަށް މިކަމުގެ ނުރައްކާ ބޮޑެވެ. ވައި ނުސާފުވުމުގެ ސަބަބުން ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި ދުވަސްވަރު ބޭރުގައި ކުޅިވަރު ހަރަކާތްތައް ބޭއްވުމާއި ކަސްރަތު ކުރުމަށް ބޭރަށް ދިޔުން މަޑުޖައްސާލަން އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެން.95 މާސްކް ބޭނުން ކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ “މި ވަގުތު ރާއްޖޭގައި ހުރިހާ ސަރަހައްދަކަށް ވެސް ވަނީ ދުންފަހުގެ އަސަރުކޮށްފައި” ކަމަށާއި، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މެދު ރާއްޖެތެރެއަށް ކަމަށެވެ. ކުރިއަށް އޮތް ފަސް ދުވަހުވެސް އުތުރާއި މާލެ ސަރަހައްދުގެ ރަށްތަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

