ދޮޅުމަސް ދުވަހުގެ ތެރޭގައި ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ގާތްގަނޑަަކަށް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ފޭސް 3 ހިއްކުމުގެ 98 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެއީ އެ ސަރަހައްދުން ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ތެރެއިން 62 ހެކްޓަރުގެ މަސައްކަތެވެ.
މި މަހުގެ 20 އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ
މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ލަފާކުރެއްވިއެވެ.
"މިހާރު މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން 20 ޖަނަވަރީ 2026 އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ. ދެން ރަޖިސްޓްރީ ހެދުމުގެ މަސައްކަތް މި ޖަނަވަރީ މަހު ފެށިގެން ކުރިއަށް ގެންދާނަން. އަދި އިން ކަނޑައެޅޭ މިންވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނަން،" ވަޒީރު ވިދާޅުވިއެވެ.
މަޝްރޫޢުގެ ތާރީޚާއި ކުރިއަށްދިޔަ ގޮތް
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އަލުން މަސައްކަތް ފަށައި، ބާރުސްޕީޑުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތް އަވަސް ކުރުމަށްޓަކައި ސަރުކާރުން ވަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ.
ބޯހިޔާވަހިކަމަށް އުންމީދީ ފިޔަވަޅެއް
މި މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، "ބިންވެރިޔާ" ސްކީމުގެ ދަށުން މި ސަރަހައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ. އެގޮތުން ތަފާތު 7 ސައިޒެއްގެ ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، މިހާރު ބޭނުންކުރާ ބޮޑެތި ޑްރެޖަރުތައް ދެން މިސްރާބު ޖަހާނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ޙައްލު ކުރުމަށްޓަކައި ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ.

