ގދ. ފިޔޯރީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ބީފާން ވޮލީ މުބާރާތް 2026 ގެ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގައި ރަތަފަންދޫ ރެކްރިއޭޝަން ކްލަބް އަދި ފުވައްމުލަކު ދަނޑިމަގު ޓީމު ވާދަކުރި މެޗު ދަނޑިމަގު ޓީމުން ކާމިޔާބުކޮށްފިއެވެ.
ފިޔޯރީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު ދަނޑިމަގު ޓީމުން ކާމިޔާބުކުރީ 2-3 ސެޓުންނެވެ.
މިއީ މި ދެ ޓީމް މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރުކަމަށްވާއިރު، ފުރަތަމަ ބުރުގައި ދެ ޓީމް ބައްދަލުކުރި މެޗު 1-3 ސެޓުން ކާމިޔާބު ކުރީ ރަތަފަންދޫ ރެކްރިއޭޝަން ކްލަބުންނެވެ.
މިއަދުގެ މެޗު ފެށިގެން ފުރަތަމަ ސެޓުގައި ދެ ޓީމުން ވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. ރަތަފަންދޫ ޓީމުގެ ޖާޒީ ނަމްބަރ 9 އިސްމާއިލް ސާޖިދުގެ (ކާއްޓެ) ބާރު ހަމަލާތަކުން ޓީމުން ގިނަ ޕޮއިންޓްތަކެއް ސްކޯރކޮށް 23-25 އިން ރަތަފަންދޫ ރެކްރިއޭޝަން ކްލަބުން ވަނީ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ.
ދެވަނަ ސެޓުގައި ވެސް ފެނިގެން ދިޔައީ ފުރަތަމަ ސެޓުގައި ފެނުނު ކަހަލަ ވާދަވެރި ކުޅުމެކެވެ. އެހެންނަމަވެސް، ފަހުވަގުތު ދަނޑިމަގު ޓީމުން ނިންމި މޮޅު ނިންމުންތަކާއެކު 21-25 އިން ދަނޑިމަގުން ވަނީ ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ދަނޑިމަގު ޓީމުގެ ބޭރު ކުޅުންތެރިޔާ ޖާޒީ ނަމްބަރ 18 ކަވިޝްކާ އަދި އެ ޓީމުގެ ޖާޒީ ނަމްބަރ 19 ޝަމާއިލްގެ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. 20-25 އިން ތިންވަނަ ސެޓު ވެސް ދަނޑިމަގު ޓީމުން ކާމިޔާބުކުރިއެވެ.
ފޯރިގަދަ ކުޅުމަކަށްފަހު ހަތަރުވަނަ ސެޓު 22-25 އިން ކާމިޔާބުކުރީ ރަތަފަންދޫ ޓީމުންނެވެ.
ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި ކޮޅު ބަދަލުވިއިރު، 7-8 އިން ލީޑުގައި އޮތީ ރަތަފަންދޫ ރެކްރިއޭޝަން ކްލަބެވެ. އެހެންނަމަވެސް 15-10 ގެ ފޯރިގަދަ ސެޓަކަށްފަހު ފަހު ސެޓު ކާމިޔާބުކޮށް މެޗުގެ މޮޅު ހޯދީ ފުވައްމުލަކު ދަނޑިމަގު ޓީމުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ދަނޑިމަގު ޓީމުގެ ޖާޒީ ނަމްބަރ 18 ކަވިޝްކާ އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ދެވަނަ ބުރުގެ ދެވަނަ މެޗު މިރޭ އޮންނާނެއެވެ. މި މެޗުގައި ވާދަކުރާނީ އަންހެން ޑިވިޝަންގެ ފިޔޯރީ ޓީމާއި ރަތަފަންދޫ ޓީމެެވެ. މެޗު ފަށަން ހަމަޖެހިފައިވަނީ މިރޭ 20:40 ގައެވެ. މިއީ ފިޔޯރީ ޓީމާއި ރަތަފަންދޫ ޓީމު މި މުބާރާތުގައި ބައްދަލުކުރާނެ ދެވަނަ ފަހަރެވެ.

