އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "މިއީ ސޮނީ ހާޑްވެއާއޭ" އިޝްތިހާރު ލަވަ ރިމިކްސް ކޮށްގެން ސޮނީ ހާޑްވެއާއިން ކުރިއަށް ގެންދިޔަ ޓިކްޓޮކް ޗެލެންޖު، ތިނަދޫ ސިޓީގެ ފަންނާނުންގެ ޓީމަކުން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުން އެއްވަނަ ހޯދައިގެން 101,000 ރުފިޔާގެ ބޮޑު އިނާމު ކާމިޔާބު ކުރީ ޓިކްޓޮކް ތަރި ނައުފަލް ނަސީމާއި އޭނާގެ ޓީމުންނެވެ.
މިދިޔަ އަހަރު ސޮނީ ހާޑްވެއާއިން ހުޅުވާލި މި ޗެލެންޖަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މަގުބޫލު އެ ކުންފުނީގެ އިޝްތިހާރު ލަވަ އަމިއްލަ ސްޓައިލަކަށް ތައްޔާރުކޮށްގެން ބައިވެރިވެވޭ ގޮތަށް ހުޅުވާލި މުބާރާތެކެވެ. މި މުބާރާތުގެ އެއްވަނަ ހޮވާފައިވަނީ އާންމުންގެ ލައިކްސް އާއި ވިއުސްގެ އިތުރުން ފަނޑިޔާރުންގެ މިންގަނޑުތަކަށް ބަލައިގެންނެވެ.
ތިނަދޫ ސިޓީގެ ފަންނާނުންގެ ބޮޑު ކާމިޔާބީއެއް
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނައުފަލް ނަސީމް ބުނީ މިއީ ހަމައެކަނި އޭނާގެ ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ ތިނަދޫ ސިޓީގެ "އެކްޓިވް 4 ސްޓޫޑިއޯ" ގެ ބުރަ މަސައްކަތް ކަމަށެވެ. މި ވީޑިއޯ ތައްޔާރުކުރުމުގައި ޗައްޕަލަ، ބުންނަރު، ސްޓޫޑިއޯ 33 އަދި ފޮޓޯ މޯލްޑިވްސް ގުޅިގެން ވަނީ މަސައްކަތް ކޮށްފައެވެ.
މި ފެންވަރުގެ ވީޑިއޯއެއް ތައްޔާރުކުރުމަކީ ބުރަ މަސައްކަތެކެވެ. އެހެންކަމުން މިއީ ކިތައް ދުވަހުގެ މަސައްކަތެއްތޯ އަހާލުމުން ހިނިތުންވެލާފައި ނައުފަލު ބުނީ މި ވީޑިއޯގެ މަސައްކަތަކީ ޖުމްލަ ދެ ދުވަހުގެ މަސައްކަތެއް ކަމުގައެވެ.
"ބޭނުންވީ ހަމަ ޓައިޓަލް، ފައިސާގެ އިނާމަށްވުރެ މާބޮޑަށްވެސް މުހިންމުވީ ޗެލެންޖު ކާމިޔާބު ކުރުން. އެންމެ ފުރަތަމަވެސް ޓާގެޓަކީ އެއީ،" ނައުފަލް
ވައިރަލް ވީޑިއޯއަށް ބޮޑު ތަރުހީބެއް
ނައުފަލްގެ ޓިކްޓޮކް އެކައުންޓުން އާންމުކުރި މި ވީޑިއޯއަށް 127,000 އަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، 4,500 އަށްވުރެ ގިނަ ލައިކްސް އަދި ޝެއާސް ލިބިފައިވެއެވެ. މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ސޮނީ ހާޑްވެއާގެ އޮރިޖިނަލް ލަވަ ނުވަތަ ރެގޭ އަދި ބޮލީވުޑް ފިއުޝަން ވާޝަން ބޭނުންކުރުމުގެ ފުރުސަތު ދީފައިވެއެވެ.
ނައުފަލާއި އޭނާގެ ޓީމުގެ ވީޑިއޯ ހޮވުނީ މި ޗެލެންޖުގެ ފައިނަލް ބުރަށް ދިޔަ އެންމެ ގިނައިން ލައިކްސް ލިބުނު 10 ވީޑިއޯ ގެ ތެރެއިންނެވެ.
ނައުފަލް ވަނީ އޭނާގެ ޓީމަށާއި މުޅި ތިނަދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

