ހުވަދު އަތޮޅު އުތުރުބުރީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ގުރުއާން މުބާރާތް ” ތަރާތީލުއްނޫރު ” ގއ ގެމަނަފުށީގައި ފަށައިފިއެވެ.
މިއީ ގއ ދެއްވަދޫ މަރުހޫމާ އާމިނަތު ޔޫސުފްގެ ހަނދާނުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، މުބާރާތުގެ ކިޔެވުމާއި އިނާމް ދިނުމުގެ ހަފްލާއާއިއެކު 2 ދުވަސް ހޭދަވާނެއެވެ
ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަސަދުﷲ ޝިހާބު އިސްނަންގަވައިގެން ބާއްވާ މި މުބާރާތް އަމާޒުކޮށްފައިވަނީ ދާއިރާގެ ތިން ރަށް ކަމަށްވާ ގެމަނަފުށި، ކަނޑުހުޅުދޫ އަދި ދެއްވަދޫއަށެވެ.
މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ކީރިތި ގުރުއާނަށް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ލޯބި ޖެއްސުމާއި، ގައުމީ ފެންވަރުގައި ވާދަކުރެވޭނެފަދަ ހުނަރުވެރި ގާރީންނާއި ހާފިޡުން ދާއިރާގެ ތެރެއިން ދެނެގަތުމެވެ.
މުބާރާތުގެ ބައިވެރިންގެ ފަރާތުން ދެކެނީ މިފަދަ ބޮޑު މުބާރާތެއް ދާއިރާގައި ބޭއްވޭކަމީ ކީރިތި ގުރުއާން ކިޔަވާ ދަރިވަރުންނަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމުގައެވެ. އަގުބޮޑު އިނާމްތަކަށްވުރެ ބޮޑަށް މިގޮތަށް އިންތިޒާމް ކުރެވި ވާދަވެރި މާހައުލެއް އުފެދުން އެއީ ލިބޭ އިތުރު ހިތްވަރެއް ކަމުގައި ބެލެނެވެރިން ދެކެއެވެ. މެމްބަރު އަސަދުﷲގެ މިފަދަ އިސްނެންގެވުމަކީ ދާއިރާގެ ރައްޔިތުންނަށް، ހާއްސަކޮށް ދީނީ ކަންކަމަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބެލެނެެވެރިން ވަނީ ފާހަގަކޮށްފައެވެ.
ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ކަމުގައި ވާއިރު، އަތޮޅު ފެންވަރުގައި މިފަދަ ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ދުރު ރަށްރަށުގައި ތިބި ހުނަރުވެރި ކުދިންނަށް އެކުދިންގެ ގާބިލްކަން ދެއްކުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ތަރާތީލުއްނޫރު ގުރުއާން މުބާރާތް ކޮންމެ އަހަރަކުވެސް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މުބާރާތުގެ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެެއެވެ. މުބާރާތުގެ ދެގޮފިން އެއްވަނައަށް ދާ ފަރާތްތަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ އިރު އެހެނިހެން މަގާމްތަކަށްވެސް ވަނީ ފައިސާގެ އިނާމް ހުށައަޅާފައެވެ.

