ދުނިޔޭގެ ފެޝަން އިންޑަސްޓްރީގައި ނުފޫޒުގަދަ ނަމެއް ކަމަށްވާ އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ވެލެންޓީނޯ ގެރަވާނީ، އުމުރުން 93 އަހަރުގައި މަރުވެއްޖެއެވެ. އޭނާގެ ފައުންޑޭޝަނުން ހާމަކުރި ގޮތުގައި، ވެލެންޓީނޯ މަރުވީ ޖެނުއަރީ 19، 2026 ގައި ރޯމްގައި ހުންނަ އޭނާގެ ގޭގައި، އާއިލާގެ މީހުން ކައިރީގައި ތިއްބައެވެ.
ވެލެންޓީނޯގެ ހަށިގަނޑު އާންމުންނަށް ދައްކާލުމަށް ރޯމްގެ ޕިއާޒާ މިގްނަނެލީގައި ޖެނުއަރީ 21 އާއި 22 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 23 ވާ ހުކުރު ދުވަހު ހެނދުނު 11 ޖަހާއިރު، ރޯމްގެ ބެސިލިކާ އޮފް ސެއިންޓް މޭަރީ އޮފް ދި އެންޖެލްސް އެންޑް މާޓީސްގައެވެ.
1960 ވަނަ އަހަރު އޭނާގެ ބިޒްނަސް ޕާޓްނަރު ޖިއަންކާލޯ ގިއަމެޓީއާއެކު ވެލެންޓީނޯ ފެޝަން ހައުސް އުފައްދައި، އޭނާ ވަނީ ދުނިޔޭގެ ފެޝަންގެ ދާއިރާގައި ބޮޑު އިންގިލާބެއް ގެނެސްފައެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ “ވެލެންޓީނޯ ރެޑް” ގައުންތަކުންނެވެ. އޭނާ ވަނީ ޖެކްލީން ކެނެޑީ އޮނާސިސް، އޯޑްރީ ހެޕްބާން، ޕްރިންސަސް ޑަޔާނާ އަދި އެލިޒަބަތު ޓޭލާ ފަދަ ދުނިޔޭގެ މަޝްހޫރު ޝަހުސިއްޔަތުތަކަށް ހެދުން ފަރުމާކޮށްދީފައެވެ.
ވެލެންޓީނޯ އޭނާގެ ކުންފުނި 1998 ވަނަ އަހަރު 300 މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހު، ކްރިއޭޓިވް ޑައިރެކްޓަރުގެ މަގާމުން ރިޓަޔަރ ކުރީ 2008 ވަނަ އަހަރުއެވެ. އޭނާގެ ވަކިވުމާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ވަނީ އޭނާއަކީ “އިޓަލީގެ ހައުޓް ކޯޗާގެ ދެމިގެންވާ ރަމްޒެއް” ކަމަށް ސިފަކުރައްވާފައެވެ. މީގެ އިތުރުން ޑޮނަޓެލާ ވަރްސާޗޭ އާއި ގްވިނެތު ޕަލްޓްރޯ ފަދަ ފެޝަން ދާއިރާގެ އިސް ބޭފުޅުން ދަނީ އޭނާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

