ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "އެކްރޮސް މޯލްޑިވްސް 2026″ގެ ނަމުގައި ކަނޑު އަޑީގައި ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތާރީޚީ ހަރަކާތެއް ރަސްމީކޮށް އިއުލާންކޮށްފިއެވެ. ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ޖެނުއަރީ 2026 ގައެވެ.
މި ހަރަކާތުގައި ޝަފްރާޒް ނައީމް އަމާޒު ހިފާފައިވަނީ ރާއްޖޭގެ ތިން އަތޮޅެއްގެ ސަރަހައްދު ކަނޑުއަޑިން ކަޑަތުކުރުމަށެވެ. ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ދަތުރުގައި 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރާނެއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 55 ފަހަރު ފީނައި، "ޑައިވަރ ޕްރޮޕަލްޝަން ވެހިކަލް" (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
މި ހަރަކާތުގެ ތެރެއިން ދެ ރެކޯޑެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުން އަދި އެއް މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުމުގެ ރެކޯޑެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެޑްވެންޗަރ ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ "ކަނޑުގެ ގައުމެއް" ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި އިޝްތިހާރުކުރުމެވެ. މީގެ އިތުރުން، ކަނޑުއަޑީގެ ތަފާތު ތަޖުރިބާތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން މި ހަރަކާތުގެ ޒަރީއާއިން ދައްކުވައިދޭނެއެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި، ދިވެހިންނާއި ކަނޑާއި އޮތް ސަގާފީ ގުޅުންވެސް ދުނިޔެއަށް ހާމަވެގެންދާނެއެވެ.
މި ދަތުރުގެ ތެރެއިން ބައެއް ރަށްރަށަށް ޒިޔާރަތްކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު ވާހަކަތަކާއި މަންޒަރުތައް ޑޮކިއުމަންޓް ކުރެވޭނެއެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
"އެކްރޮސް މޯލްޑިވްސް 2026" މަޝްރޫޢުގެ ޓެކްނިކަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެހިފައިވާއިރު، އެއަރލައިން ޕާޓްނަރަކީ ބިޔޯންޑް އެއަރލައިންސް އެވެ. މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

