ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ދެ ކުންފުންޏަކާއި އެ ކުންފުނީގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ދިވެހި ދެ ޑޮކްޓަރަކު ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މީގެ އިތުރުން މި ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފާއި، އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރު ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި ސައްހަ ނޫން މާލީ ބަޔާންތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތުގައި ޢަލީ ފަޔާޟްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް މީރާއިން ވަނީ ހުށަހަޅާފައެވެ.
އާމްދަނީ އޮޅުވާލުމާއި ޓެކުހަށް މަކަރު ހެދުން
މީރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ކުންފުންޏަކީ ކޯވިޑްގެ ދުވަސްވަރު ޕީސީއާރް ޓެސްޓު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި އާމްދަނީ ބޮޑުތަނުން ދަށްކޮށް ވަނީ ރިޕޯޓު ކޮށްފައެވެ. އައިލެންޑް ހެލްތް ސޮލިއުޝަންސްއިން 2020 އިން 2022 އަށް ހުށަހެޅި ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ އާމްދަނީއެއް އުނިކޮށްފައިވާއިރު، އޭގެ ތެރޭގައި އެ ކުންފުނިން ހިންގާ "ޕާލް މެޑިކަލް ސެންޓާ" އިން ލިބުނު އާމްދަނީ ވެސް ހިމެނެއެވެ.
ޕައިނިއާ މޯލްޑިވްސްގެ މައްސަލައިގައި މީރާއިން ފާހަގަކޮށްފައިވަނީ 2020 އަދި 2021 ވަނަ އަހަރުގެ ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ އާމްދަނީ ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު ލިބުނު ބޮޑު އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ޓެކްސް ކުޑަކުރުމަށްޓަކައި، ‘ކޮސްޓް އޮފް ސޭލްސް، އާއި އިދާރީ ހަރަދުތަކުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް ހިމަނާފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
ގާނޫނީ ފިޔަވަޅާއި އޮޑިޓްގެ ނަތީޖާ
މީރާގެ އޮޑިޓުން ދައްކާ ގޮތުގައި އައިލެންޑް ހެލްތް ސޮލިއުޝަންސްއިން އިތުރަށް 4.3 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަންޖެހެއެވެ. އަދި ޕައިނިއާ މޯލްޑިވްސްއިން 23.7 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަން މީރާއިން ވަނީ އަންގާފައެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ގަސްދުގައި ޓެކުހަށް މަކަރު ހެދުމާއި އެފަދަ ކަމަކަށް އެހީތެރިވުމަކީ ބޮޑު ކުށެކެވެ.
މީރާއިން ވިދާޅުވީ، އެ އޮތޯރިޓީގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ" އާ އެއްގޮތަށް، ޓެކުހަށް މަކަރު ހަދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. މި މައްސަލައަކީ ކޮވިޑްގެ ދުވަސްވަރު ސިއްހީ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވި ފަރާތްތަކަކާ ގުޅުންހުރި މައްސަލައަކަށް ވުމުން، މިއީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައެކެވެ.

