ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚު އަބްދުލް އަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އަޒީބެގެ ސިއްހީ ހާލަތާ ގުޅޭގޮތުން އޭނާގެ ދަރިފުޅު އަހްމަދު ކުމައިލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ބައްޕައަށް ސްޓްރޯކެއް ޖެހި މިވަގުތު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.
“ތިޔަ އެންމެ ބޭފުޅުންގެ ހެޔޮ އިހުލާސްތެރި ދުއާގައި ބައްޕަ ޝާމިލްކޮށް ދެއްވުން އެދެން،” ކުމައިލްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަޒީބެއަކީ ރާއްޖޭގައި އިސްލާމްދީނުގެ މައުލޫމާތު ފެތުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ދިވެހިންގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ދީނީ ދައުވަތުގެ އިތުރުން، އަޒީބެއަކީ ހައްޖާއި އުމްރާގެ ހިދުމަތް ދިނުމުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން އޭނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ދަށުން ދަނީ ދިވެހިން އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ގްރޫޕުގެ ފަރާތުން 4500 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

