މި އަހަރުގެ ރޯދަ މަހުގެ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް އުފެއްދުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން މުޅިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ހާމަކޮށްފިއެވެ. މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,977 މަސްދަޅު ކޭސް ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މިފްކޯގެ ސީނިއާ ޕީއާރް މެނޭޖަރު ޝިފްޒާ މުސްތަފާ މައުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް 115,078 މަސްދަޅު ކޭސް ވަނީ ތައްޔާރުކޮށް ނިންމާފައެވެ. މިއީ މުޅި ޕްރޮޑަކްޝަންގެ 96.7 އިންސައްތައެވެ. މިހާރު ބާކީ އޮތީ 3,899 މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް ކަމަށާއި، ޖެނުއަރީ 22 ގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީހަށް ކުޑަ ބަދަލެއް އައި ސަބަބާ ގުޅޭގޮތުން ޝިފްޒާ ވިދާޅުވީ، "15 އަށް ނިންމާ ނުލެވި ކުޑަކޮށް ފަހަތަށް ސޮއްސާލީ މިދުވަސްކޮޅު ގައުމީ ބާޒާރުގައި ޑިމާންޑް ބޮޑުވުމާއި ގުޅިގެން އެތަން ފޫބައްދަން ޖެހުމުން. އަޅުގަނޑުމެން ކަނޑައެޅި ތާރީހަށް ކުޑަ ކުޑަ ބަދަލެއް އައި ނަމަވެސް ސަރުކާރުން މަސްދަޅު ބަހަން ފަށަން ވާއިރަށް މުޅި ޕްރޮޑަކްޝަން ނިންމާލެވޭނެ،" ކަމަށެވެ.
މިދިޔަ އަހަރުގެ ރޯދަ މަހުވެސް ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 180 ގްރާމްގެ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާކޮށްފައެވެ. އޭގެ ކުރީ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބަހާފައިވަނީ ކާޑުގެ ބާވަތްތަކެވެ. އެއީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ.
ރޯދަ ހަދިޔާ ދިނުމުގައި ގޭބިސީއެއްގެ ގޮތުގައި ބަލަނީ ވަކިން ކައްކާ، ކައިބޮއި އަދި ދިރިއުޅޭ ދިވެހި އާއިލާތަކެވެ. ކޮންމެ ގޯއްޗަކުންވެސް ފޯމު ފުރަން ޖެހޭނީ އެ ގޯއްޗެއްގައި ހިމެނޭ ހުރިހާ ގޭބިސީތައް ހިމަނައިގެން އެއް ފޯމެވެ. މި އަހަރުގެ މަސްދަޅު ކޭސްތައް ބަހަން ފަށާނެ ވަކި ތާރީހެއް ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

