މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 12،000 އެއްހާ ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ތެރެއިން ފުރަތަމަ މަޝްރޫޢުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން 3،272 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 312 ޔުނިޓް، ހުޅުމާލެ ފޭސް 1 ގައި 546 ޔުނިޓް އަދި ހުޅުމާލެ ފޭސް 3 ގައި 2،414 ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް ބޭންކްތަކުގެ އެހީ ހޯދަން ޖެހުނީ ސަރުކާރުން ހަވާލުވިއިރު އިޤްތިޞާދީ ޙާލަތު އޮތްގޮތުން ބޭރުގެ ލޯނުތައް ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މި ފްލެޓްތަކަކީ ރައްޔިތުންނަށް އަތްފޯރާފަށުގެ އަގުތަކެއްގައި ލިބޭނެ ތަންތަނަށް ހެދުމަށްޓަކައި ބީއެމްއެލްއަށް ބިން ހިލޭ ދޫކޮށް، ގިނަ ލުއިތަކެއް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. “5-6% ކުޑަ ޕްރޮފިޓް މާޖިންއެއްގައި ބޭނުންކުރަން މި މަސައްކަތް ކުރަނީ. މި 3300 ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްދޭ. މި މަސައްކަތުގެ ސައިޓް މަސައްކަތް މިމަހު ފަށާނެ. 2 އަހަރުން މަސައްކަތްތައް ނިންމާ މީހުން ވެއްދޭނަކަމަށް އުއްމީދަކީ،” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4،000 ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި އެއްވެސް އިންޓްރެސްޓަކާ ނުލާ ލިބޭ ލޯނުގެ ދަށުން 500 ޔުނިޓް ތަރައްޤީކުރުމާއި، ސަޢުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި 400 ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. މުއްޠަލިބް އިތުރަށް ވިދާޅުވީ، މިއަހަރުގެ ތެރޭގައި 12،000 ޔުނިޓްގެ މަސައްކަތް ފެށުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ފްލެޓްގެ މަސައްކަތް ކުރިއަށް ނުގެންދާ މިންވަރެއް ކަމަށެވެ. މި މަޝްރޫޢުތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ 3 ކޮޓަރީގެ ޔުނިޓްތަކަށް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި ތަންތަނުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވެ ވަޒީރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.

