ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވިލިމާލެ ކެމްޕޭން އޮފީސް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ މަސައްކަތް ވިލިމާލޭގައި ކުރުމަށް ޕާޓީގެ ރަސްމީ އޮފީސް ހުޅުއްވައިދެއްވީ، ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ އިންތިޚާބުގައި ޕާޓީގެ ކެމްޕޭން މެނޭޖަރުގެ ގޮތުގައި މަސައްކަތްކުރައްވާ އިބްރާހީމް ފަލާޙް އެވެ.
ރޭ ވިިލިމާލޭގައި އޮތް މި ރަސްމިއްޔާތުގައި ފަލާޙްގެ އިތުރުން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލް އާއި، މާލެ ސިޓީގެ މޭޔަރުކަމަށް ސަރުކާރުގެ ޓިކެޓުގައި ވާދަކުރައްވާ މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްގެ އިތުރުން ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާޙް ވަނީ، ވިލިމާލޭގައި ރަސްމީކޮށް ކެމްޕޭން ފެށުމާއެކު، އެންމެ ރެޔެއްވެސް ދޫކޮށްނުލައި ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދެވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ފަލާޙް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ކޮންގްރެސް ޕާޓީގައި ތިބީ 3000 މެންބަރުން ކަމަށާއި، ނަމަވެސް މިދިޔަ މަހެއްހާ ދުވަސްތެރޭ 7000 މެންބަރުން ކޮންގްރެސް ޕާޓީއާ އަލަށް ގުޅިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އަލަށް ގެނައި ބަދަލާއެކު ޕާޓީއިން ވަކިވުމުގެ އަމިއްލަ އިޚްތިޔާރު ކޮންމެ މެންބަރަކަށް ލިބޭ ކަމަށް ފާހަގަކުރައްވައި ފަލާޙް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން އުޅެނީ 3000 މެންބަރުން ހަމަނުވެގެން ކަމަށެވެ.
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ވިލިމާލޭގެ ކެމްޕޭން އޮފީސް ހުޅުވުމާއެކު މުޅި ރާއްޖެ ހިމެނޭހެން، ގްރޭޓާ މާލެ ސަރަޙައްދުގައި ވެސް ކެންޑިޑޭޓުން ހޮވުމުގެ ސިލްސިލާ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބައެއް ކައުންސިލްތަކުން ސަރުކާރަށް ޖެއްސުން ކުރުމާއި ތަރައްޤީއަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މުޙައްމަދު އިސްމާޢީލްގެ ވާހަކަ ނިންމަވާލެއްވީ، ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ވިލިމާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.

