މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރު ކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ފެނުގެ ވިއުގަ އިމަރޖެންސީ ހާލަތުގައި ބޭނުން ކުރެވޭ ވަރަށް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މާލެއާއި ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު ސިނަމާލެ ބުރިޖު ހުޅުވުމާ އެކުގައެވެ. ބުރިޖުގެ އަރިމަތީގައި މީރު ފެން ދައުރުކުރެވޭ ގޮތަށް ހޮޅިއެއް އަޅާފައިވީ ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، މި ސަރުކާރުން އިސްނަގައިގެން މިހާރު ވަނީ މި މަސައްކަތް އަލުން ފަށައި ބާރުސްޕީޑުގައި ކުރިއަށް ގެންގޮސްފައެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މަސައްކަތް ލަސްވީ ދެކޮޅުގައިވެސް ޤާއިމްކުރަންޖެހޭ ޕަންޕު ސްޓޭޝަންތަކުގެ މަސައްކަތް ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު އިމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ މި ހޮޅި ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
“ފުލް ކެޕޭސިޓީގައި ބޭނުން ކުރުމަށް އިތުރު ވަގުތު ބޭނުންވާނެ. ފުލް ކެޕޭސިޓީގައި ބޭނުން ކުރުމަކީ އޭގެ ޒާތުގައި ރެގިއުލާކޮށް ކޮންމެހެން ކުރަންޖެހޭ ކަމެއްވެސް ނޫން. ފެން ޕަންޕު ކުރުމަކީވެސް އިތުރު ކޮސްޓު އަދި ހަކަތަވެސްދާނެ ކަމެއް. އޭގައި ކަމެއް ބޮޑަށް ދިމާވާއިރު އެ ހޮޅި ބޮޑަށް ބޭނުން ކުރަން ޖެހޭނީ،” މަތީން ވިދާޅުވިއެވެ.
މަތީން އިތުރަށް ވިދާޅުވީ، މި ހޮޅި ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި ދުވާލެއްގެ މައްޗަށް ކޮޅަކަށް 2000 ޓަނުގެ ފެން ޓްރާންސްފަރ ކުރެވޭނެ ކަމަށެވެ. މި ނިޒާމަކީ ގަޑިއަކު 800 ޓަނުގެ ފެން ދައުރު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
މި ވިއުގަ ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ މާލެ ނުވަތަ ހުޅުމާލޭގެ ފެނުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދީ، ރައްޔިތުންނަށް ދޭ ފެނުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

