ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާކަމަށާއި، އެ ފޯމުތަކުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މި މަހުގެ 18 ވަނަ ދުވަހު ހުޅުވާލި މި ސްކީމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭގައި ގޯއްޗަށް އެދި 221 ފަރާތަކުން އަދި ފްލެޓަށް އެދި 416 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، ޑްރާފްޓް ސްޓޭޖުގައި ނުވަތަ ފުރިހަމަކުރަމުންދާ 5,599 ފޯމެއް ޕޯޓަލްގައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ފޯމު ހުށަހެޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން؛ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް އެޕްލައިކުރުމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ. "އަވަހަށް އެޕްލައި ކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނޯންނާނެ. އިތުރު މާކްސްއެއް ނޯންނާނެ. އަދި މިއީ ފުރަތަމަ އެޕްލައި ކުރާ މީހުންނަށް ޚާއްސަކޮށްގެން ދޭ އުސޫލުން ހިނގާ ކަމެއްވެސް ނޫން،" ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ލިޔެކިޔުންތަކާއެކު ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.މީގެ އިތުރުން، ނުބައި މަޢުލޫމާތު ހިމަނައިގެން ފޯމު ހުށަނޭޅުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. ޝަރުޠު ހަމަނުވާ ފަރާތްތަކުން ފޯމު ހުށަހެޅުމަކީ ދައުލަތުގެ ވަގުތާއި ވަސީލަތްތައް ބޭކާރުވާ ކަމެއްކަން ފާހަގަކުރައްވަމުން، ވަގުތު އެބައޮތް ކަމަށާއި (ބިމަށް 45 ދުވަސް، ފްލެޓަށް 3 މަސް) ލިޔެކިޔުންތައް ހަމަކޮށް ހުށަހެޅުމަށް ވިދާޅުވިއެވެ.
ސްކީމުގެ ދަށުން ދޫކުރާ ބޯހިޔާވަހިކަމުގެ ތަފްސީލް؛ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 7,900 ޔުނިޓެވެ. މީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. އަދި ކުރީގެ ސްކީމަކުން ކުދި ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

