އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ޙަވާލުކުރަން ނިންމި ނަމަވެސް، އެ ތަނުގެ މައްޗަށް އެންމެ ބޮޑު ޙައްޤެއް އޮތީ ދިވެހިރާއްޖެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގެ “އެކްސްޕްރެސް” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ޖިއޮގްރަފީ ގޮތުންނާއި ތާރީޚީ ގޮތުން ބަލާއިރު ޗާގޯސްއަކީ ރާއްޖެއާ މާ ބޮޑަށް ގުޅިފައިވާ ތަނެކެވެ.
ރައީސް ވިދާޅުވީ ޗާގޯސްގެ ރަށްތަކާ ރާއްޖެއާ ތާރީހީ ގުޅުންތަކެއްވާ ކަމަށާއި އެއީ ދިވެހިން ކިޔާ ގޮތުން ނަމަ “ފޯޅަވަހި” ކަމަށެވެ. ރާއްޖެއާއި ޗާގޯސްއާ ދެމެދު ހުރީ 310 މޭލު ކަމަށްވާއިރު، މޮރިޝަސްއާއި އެ ސަރަޙައްދާ ދެމެދު 1300 މޭލުގެ ދުރުމިނެއް ހުރެއެވެ. މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ މާ ކުރިން ރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި އޮތް ޤައުމެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމާ ގުޅޭ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށެވެ.
އިނގިރޭސި ސަރުކާރަށް ކަންބޮޑުވުންތައް ހިއްސާކުރުން
މި މައްސަލައިގައި ދިވެހި ސަރުކާރުގެ ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ރަސްމީކޮށް ޙިއްސާކޮށްފައިވާ ކަމަށާއި، އިނގިރޭސި ބޮޑުވަޒީރަށް އެކަމާ ގުޅޭ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ. ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސި ވިލާތުން އެއްބަސްވުމާ ގުޅިގެން މި ސިޓީފުޅު ފޮނުއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، މި މައްސަލައިގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫނާރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އެ އިންޓަވިއުގައި ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޗާގޯސް ލިބެން ޖެހޭނެ ކަމާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އެ މަޝްވަރާގެ ތަފްސީލެއް އަދި ހާމަކުރެވޭކަށް ނެތް ކަމަށެވެ. އެހެންނަމަވެސް ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންވެސް ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށްޓަކައި މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ “އެ ސަރަހައްދުން ބައެއް ގެއްލުނީ ބަޔަކު ގަސްތުގައި ކުރި ކަމަކުން” ކަމަށާއި، ގާނޫނުއަސާސީއާ ހިލާފަށް ރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި ހޯދަން މި ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ.

