ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލާފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. ސްޓެލްކޯއިން ވިދާޅުވީ މިކަމާ ގުޅޭގޮތުން ކުރަންޖެހޭ ފަންނީ ޓެސްޓުތައްވެސް މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މިއާއެކު އެފްޑީސީގެ 4000 ފްލެޓަށް ކަރަންޓު ދިނުމުގެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ.
މި ޓަވަރުތަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް މިއަހަރުގެ ކުރީކޮޅު އެމްޑަބްލިއުއެސްސީން ވަނީ ގުޅައި ނިންމާލާފައެވެ. އެހެންކަމުން، ކަރަންޓުގެ ޚިދުމަތާއެކު މި ފްލެޓްތަކަށް ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތްތަކެއް މިހާރު ވަނީ ފޯރުކޮށްދީ ނިމިފައެވެ. މިއީ އެ ސަރަހައްދުގައި އާބާދުވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
އެފްޑީސީން މިހާރު އަންނަނީ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ތަޅުދަނޑިއެއް ހަވާލުކޮށް ނިންމުމެވެ. މިހާރުވެސް ބައެއް ފަރާތްތަކުން ތަޅުދަނޑި ހަވާލުވެ، ފްލެޓްތަކަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހަށް ފްލެޓްތަކަށް ވަނުމަށް ގިނަ ބަޔަކު ދަނީ ތައްޔާރުވަމުންނެވެ.
ފްލެޓްތަކުގެ މަސައްކަތް ނިމި އާންމުން ދިރިއުޅެން ފަށާއިރު، އެ ސަރަހައްދުގެ މަގުތަކާއި ވަށައިގެންވާ މާހައުލު ތަރައްޤީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ބަދަލުވާ އާއިލާތަކަށް ބޭނުންވާނެ އިތުރު ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މި 4000 ހައުސިންގ ޔުނިޓުތައް ބަހާލެވިފައިވަނީ "އަމާން އުދަރެސް" ގެ 6 ޓަވަރާއި "އަމާން ދޯދީ" ގެ 6 ޓަވަރަށެވެ. މި ޓަވަރުތަކުގައި ހިމެނެނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

