ސްޕެއިންގެ މެޑްރިޑުގައި މިއަދު ފެށިގެން ކުރިއަށްދާ ފިތޫރު (FITUR) ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރއަކީ، މިއަހަރު ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރއެވެ.
މި ފެއަރގައި ވިޒިޓް މޯލްޑިވްސްއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 22 ފަރާތަކުން ބައިވެރިވެއެވެ. ފިތޫރު ފެއަރއަކީ ޓްރެވަލް އެޖެންސީތަކާއި، ހޯލް ސޭލަރުންނާއި، ހޮޓަލުތަކާއި އެކޮމޮޑޭޝަންތަކުގެ އިތުރުން އެއާލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ބައިވެރިވާ ބައިނަލްއަޤްވާމީ މަންސައެކެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ފެއަރގައި 50,000 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި ފަންނީ މާހިރުން ބައިވެރިވާނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ޚިދުމަތްތައް ގަންނަން ބޭނުންވާ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި މާކެޓް ޕްރޮފެޝަނަލުންވެސް މި ފެއަރއަށް ޒިޔާރަތްކުރާނެއެވެ.
މި ފެއަރގެ ތެރެއިން ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަޖުރިބާތަކާ ގުޅޭގޮތުން އިތުރަށް ހޭލުންތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. މިއީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރައްވައެވެ.
ސްޕެއިންއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެކެވެ. މިފަދަ ބޮޑެތި ފެއަރތަކުގައި ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެ، ސްޕެއިންއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

