ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. މި އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި، “ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް” އަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި ދޭ އެވޯޑެކެވެ. މިއީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދެމުން އަންނަ ޝަރަފުވެރި އެވޯޑެކެވެ.
މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދުންފަތް ކޮންޓްރޯލްކޮށް، ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ފަރުދުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން އެކި އިދާރާތަކަށެވެ. އަދި އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށްވެސް މި ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ “އަންމާސްކިންގ ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން” އެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި އެވޯޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 13 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭނީ ޑަބްލިއުއެޗްއޯގެ ޚާއްޞަ ލިންކެއް މެދުވެރިކޮށް ކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

