މި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް، އެ ފަރާތްތައް ދިރިއުޅޭ ގެތަކަށް ސަރުކާރުގެ ޓީމުތަކުން ޒިޔާރަތް ނުކުރާނެ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ބެލުމަށް ގޭގެޔަށް ދިއުމުގެ ބަދަލުގައި، މިފަހަރު ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަމަލުކުރާ އުސޫލުން، އެމީހަކަށް ލިބޭ އާމްދަނީއަށް ބަލައިގެން ކަމަށެވެ.
ވަޒީރު މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ބޭނުންކުރަމުން އައި ގޭގެޔަށް ގޮސް ހާލަތު ބެލުމުގެ އުސޫލަކީ އޭގެ ސައްހަކަން ކަށަވަރުކުރަން ދަތި ކަމެކެވެ. އެގޮތުން، ގޭގައި ހުންނަނީ ކިތައް ފާހަނާތޯ ނުވަތަ ކޮޓަރިއެއްގައި ނިދަނީ ކިތައް މީހުންތޯ ބެލުމަކީ ދައުލަތަށް ކަށަވަރުކުރެވޭނެ މައުލޫމާތެއް ނޫން ކަމަށާއި، އެފަދަ ކަންކަމުގެ ސަބަބުން ކަރަޕްޝަނަށް މަގުފަހިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ މިސާލެއް ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އާއިލާއަކުން ފްލެޓަށް އެދި ހުށަހެޅިއިރު، ތަނަވަސްކަން ހުރި ނަމަވެސް އެއް ކޮޓަރިއެއްގައި ގިނަ ބަޔަކު ދިރިއުޅޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ގޭގެޔަށް ގޮސްގެން އެއީ ތެދު މައުލޫމާތެއްކަން ކަށަވަރު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. “އެންމެ އިންސާފުވެރި ގޮތަކީ އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި މުދާވެރިކަމާއި، ބެލުމުގެ ދަށުގައި ތިބި މީހުންގެ މައުލޫމާތަށް ބަލައިގެން މާކްސް ދިނުން. އެއީ ލިޔެކިޔުންތަކުން ވެރިފައި ކުރެވޭނެ ކަންކަން،” ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، ހާއްސަ ހާލަތްތަކުގައި ތިބޭ އާއިލާތަކަށް އެހީތެރިވުމަށްޓަކައި ސޯޝަލް މިނިސްޓްރީ މެދުވެރިކޮށް އެސެސްމެންޓް ހަދައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލެއް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ފޯމު ހުށަހަޅާއިރު އެއްވެސް އޮޅުވާލުމެއް ނެތި ސައްހަ މައުލޫމާތު ހުށަހެޅުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދޮގު މައުލޫމާތު ހުށަހެޅުމަކީ ބޯހިޔާވަހިކަން އެންމެ ހައްގުވާ މީހުންގެ ފުރުސަތު ގެއްލިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މި މަޝްރޫއުއަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފްލެޓަށް ނަމަ މި އަހަރުގެ އެޕްރިލް 17 އެވެ. އަދި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަހަރު މާރޗްގެ ނިޔަލަށް އޮންނާނެއެވެ. މިދިޔަ އާދިއްތަ ދުވަހު ފުރުސަތު ހުޅުވާލި ފަހުން މިހާތަނަށް 800 އަށްވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

