ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ “ދޮރުންދޮރަށް” ހިނގުމުގެ ހަރަކާތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ހަރަކާތް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިއަދު ކޮންގްރެސް ޕާޓީގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޕާޓީގެ އިސް ބޭފުޅުންގެ އިތުރުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ކުރިއަށް އޮތް އިންތިޚާބުތަކަށް ޕީއެންސީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ރައްޔިތުންނާ ގާތަށް ދިއުމަށް ފެށި މުހިންމު ހަރަކާތެކެވެ.
ކޮންގްރެސް ޕާޓީން އަންނަނީ ކައުންސިލް އިންތިޚާބަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން، މާލޭގައި ހަތަރު ފަންގިފިލާގެ ރަސްމީ އޮފީހެއް ހުޅުވާފައިވާއިރު، އެ އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މީގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައިވެސް ކެމްޕޭން އޮފީސްތައް ހުޅުވައި، ކެމްޕޭނުގެ މަސައްކަތްތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
މިއަދުގެ ހަރަކާތް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިންތިޚާބުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވަނީ، މި ހަރަކާތް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް އިލްތިމާސްކުރައްވައިފައެވެ. ފަލާހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަކޮށް ރާއްޖޭގައި ތަންފީޒުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
“ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރައްވާ ހަމައެކަނި ރައީސްއަކީ ޑރ. މުޙައްމަދު މުޢިއްޒު،” ފަލާހު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދޮރުންދޮރަށް ހަރަކާތުގައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށާއި، ރައްޔިތުންގެ ފަރާތުން ލިބޭ ހުށަހެޅުންތަކަށް ރައީސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.
މި ހަރަކާތާއެކު ޕީއެންސީގެ ކެންޑިޑޭޓުން ރަށްރަށުގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ޕާޓީގެ ސިޔާސަތުތައް ހިއްސާކުރަމުންދާނެއެވެ.

