ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭން މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ތަޢާރަފްކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢުގެ ދަށުން ތަޢުލީމީ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.
ތަޢުލީމީ ދާއިރާއަކީ ޒަމާނާ އެއްގޮތަށް ތަރައްޤީވަމުންދާ ދާއިރާއަކަށް ހެދުމަށްޓަކައި ތަޢުލީމީ ވުޒާރާއިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ވުޒާރާއިން ވަނީ ކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މި މާސްޓަރ ޕްލޭންގެ ދަށުން ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މުހިންމު ކަންތައްތަކެއް ތަޢުލީމީ ދާއިރާއިން ތަންފީޒުކުރާނެ ކަމަށެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޓީޗަރުން ތަމްރީންކުރުން ކަމަށާއި، ޓެކްނޮލޮޖީއަށް އަހުލުވެރި ޓީޗަރުން ބިނާކުރުމުގެ މަސައްކަތް މިއަހަރު އިތުރަށް ފުޅާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ޑިޖިޓަލް ކޮމްޕިޓެންސީ ލީޑަރޝިޕް މަތިކުރަމުން މިހާރު މިދަނީ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭންގެ ދަށުން. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މާސްޓަރ ޕްލޭން ތަޢާރަފްކުރާނަން. ހަމައެއާއެކު ޔުނިސެފާއި ގުޅިގެންވެސް މިދާއިރާ ތަރައްޤީކުރުމަށް ވަރަށް ގިނަ މަސައްކަތް އެބަ ކުރެވޭ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތަޢުލީމީ ދާއިރާއަށް އަންނަ ޑިޖިޓަލް ބަދަލުތަކަށް އެންމެ ބޮޑަށް އަހުލުވެރިވާންޖެހޭ ބަޔަކީ ޓީޗަރުންނެވެ. ޓީޗަރުންނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދަރިވަރުންގެ އުނގެނުމަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި، އޭގެ ހެޔޮ ނަތީޖާ މުޖުތަމަޢުން ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާއިން އާޓިފިޝަލް އިންޓެލިޖެންސް (AI) އާ ގުޅޭގޮތުން ޓީޗަރުން ތަމްރީނުކޮށް، ކިޔަވައިދިނުމުގައި އޭއައި ބޭނުންކުރާނެ އުކުޅުތައް ދަސްކޮށްދިނުމަށް ތަޢުލީމީ ވުޒާރާއިން ވަނީ ނިންމާފައެވެ. މިއީ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ދެވޭ ވަރަށް ބޮޑު އިސްކަމެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

