ދައުލަތުގެ ފާޓިލިޓީ ކެއާ ފަންޑުގެ ދަށުން، އާސަންދަ ހިމެނޭ ގޮތަށް އިން ވިޓްރޯ ފާޓިލައިޒޭޝަން (އައި.ވީ.އެފް) ފަރުވާ ހޯދުމުގެ ފުރުސަތު 39 ދެމަފިރިއަކަށް ދީފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ މި ފުރުސަތަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވި ފަރާތްތަކުގެ ވަގުތީ ލިސްޓު މިހާރު އާންމުކޮށްފައެވެ.
އެންސްޕާއިން ކުރި އިއުލާނެއްގައި ވިދާޅުވީ، ފާޓިލިޓީ ކެއާ ފަންޑު މެދުވެރިކޮށް 2025 ވަނަ އަހަރު އައިވީއެފް ފަރުވާގެ ހަރަދު ހަމަޖައްސައިދިނުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގެ ނިޔަލަށް 135 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން އުސޫލުގެ ދަށުން ޝަރުތުހަމަވެ، އެހީ ހަމަޖެހިފައިވަނީ 39 ދެމަފިރިއަކަށެވެ.
ފަރުވާގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ދެމަފިރިންނަށް
އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 50 ދެމަފިރިންނަށެވެ. ފުރަތަމަ ބުރުގައި އެހީ ހަމަޖެހުނު 39 ފަރާތުން، އަންނަ ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރަން ޖެހޭނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު އެންސްޕާއިން އެ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
އާންމުކޮށްފައިވާ ވަގުތީ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އެންސްޕާއިން އިތުރަށް ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ލިސްޓަށް ބަދަލު ގެންނަންޖެހޭ ނަމަ އެ ބަދަލުތަކާއެކު ދާއިމީ ލިސްޓު ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހު ޝާއިއުކުރާނެ ކަމަށެވެ. މިއީ ދަރިމައިވުމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ދައުލަތުން ފޯރުކޮށްދޭ މުހިންމު އެހީތެރިކަމެކެވެ.

