ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ދިވެހި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 266.29 ގްރާމް ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ބުލާފަރުގެ، އުމުރުން 36 އަހަރުގެ އަމްޖަދު ރިޤާބް އާއި ށ. ނޫމަރާ / މޯނިންގސްޓަރ، އުމުރުން 28 އަހަރުގެ މުޙައްމަދު ނާއިފް އެވެ. ފުލުހުން ފާހަގަކުރެއްވި ގޮތުގައި މި ދެ މީހުންނަކީވެސް މީގެ ކުރިން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ދަޢުވާކޮށްފައިވާ ދެ މީހުންނެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަމްޖަދު ރިޤާބް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު ނާއިފް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ މި ދެ މީހުން ދިރިއުޅޭ ގެއިންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

