ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ އާމިނަތު ހަސަން (އައިންތު މިސް) މިއަދު ނިޔާވެއްޖެއެވެ.
އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 58 އަހަރެވެ.
ދިވެހި ބަސް އުނގަންނައިދިނުމުގެ ދާއިރާގައި 34 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރެއްވި އައިންތު މިސް ވަނީ ނިޔާވުމާ ހަމައަށްވެސް އަމީނިއްޔާ ސްކޫލުގައި 23 އަހަރު މަސައްކަތް ކުރައްވާފައެވެ. އޭނާ ވަނީ އެ ސްކޫލުގެ ޓީޗަރުކަމުގެ އިތުރުން ލީޑިން ޓީޗަރުގެ މަގާމުވެސް ފުރުއްވާފައެވެ.
ތައުލީމީ ދާއިރާގެ އިތުރުން އައިންތު މިސް ވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަން އޭނާ ކުރެއްވިއެވެ.
އައިންތު މިސްއަކީ އެންމެންނާވެސް ގުޅޭ، ވަރަށް ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި އޭނާ ދަންނަ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި އޭނާއަކީ ދިވެހި ބަހަށް ނުހަނު ބޮޑަށް ލޯބިކުރެއްވި، ބަހުގެ މާހިރުންގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ކަނބަލެކެވެ.

