މި ފެށޭ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މިކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިއަހަރުގެ ރަމަޟާން މަހު ޖުމްލަ 118,673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެއެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56,918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61,755 ގޭބިސީ ހިމެނެއެވެ. ރޯދަ ހަދިޔާ ބެހުމަށް ޚާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00 އިން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި، މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރާނެ ތަންތަން؛
މާލެ ސަރަހައްދުގައި ޖުމްލަ 15 ތަނަކުން މަސްދަޅު ކޭސް ދޫކުރާނެއެވެ.
މާލޭގައި މަސްދަޅު ދޫކުރާނީ؛
- މިފްކޯ މަރުކަޒު،
- ސޯޝަލް ސެންޓަރ،
- އެމްޓީސީސީ ސޯ މިލް،
- ހެންވޭރު ބޯޅަ ދަނޑު
- ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދަކުން
ހުޅުމާލޭގައި މަސްދަޅު ދޫކުރާނީ؛
- އުމަރު ޒާހިރު ބިލްޑިންގ،
- ޕޮލްކޯ ޓަވަރު،
- މުޙައްމަދު ގާސިމް ޕްރީ ސްކޫލް،
- ކާމިލް ދީދީ ސްކޫލް،
- ހިޔާ ޓަވަރު 10
- ވިނަރެސް ފްލެޓްތަކުން
ވިލިމާލޭގައި މަސްދަޅު ދޫކުރާނީ ވެމްކޯ ސައިޓުގައެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހުރިހާ ގޭބިސީތަކަށްވެސް މަސްދަޅު ލިބޭނެކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން. މަސްދަޅު ކޭސް ބެހުމުގައި ގޭބިސީތަކަށް އަޅުގަނޑުމެން މިބަލަނީ މާލޭގައި ކަރަންޓު މީޓަރުތަކަށް، އަދި ރަށްރަށުގައިވެސް އަޅުގަނޑުމެން މިހާތަނަށް ވާނީ އެ ރަށެއްގެ ގޭބިސީތަކުގެ ލިސްޓު ހޯދާފައި،" ވަޒީރު އާދަމް ޝަރީފް
ރަށްރަށުގައި މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްކޮށް ތިބެގެންނެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.
ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ.

