މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު މިއަދު ނިޔާވެއްޖެއެވެ.
އެމްޕީއެލުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ނިޔާވެފައިވަނީ އެ ކުންފުނީގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައި ހުރި އަމީން ޢަބްދުލްޚަމީދު އެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
މި ހާދިސާ ހިނގި ގޮތާ ބެހޭގޮތުން އެމްޕީއެލުން ބުނީ، އަމީން ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށެވެ. ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނިޔާވިއިރު އުމުރުން 30 އަހަރުގެ އަމީން އެމްޕީއެލްއާ ގުޅުނީ 2020 ވަނަ އަހަރުގައެވެ. އޭނާ ނިޔާވުމާ ގުޅިގެން އެމްޕީއެލްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި އަމީންގެ އާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.

