(އެމްޕީއެލް) ގެ މުވައްޒަފުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޕީއެލްގެ ޒުވާން މުވައްޒަފަކު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، މަރުހޫމްގެ އާއިލާއަށާއި އެމްޕީއެލްގެ ހުރިހާ މުވައްޒަފުންނަށް ފުން ހިތާމައަކާއެކު ތައުޒިޔާ ދަންނަވާފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެމްޕީއެލްގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަގާމުގައި ހުރި އުމުރުން 30 އަހަރުގެ އަމީން އަބްދުލްހަމީދެވެ. އަމީން ނިޔާވީ ޑިއުޓީގައި ހުއްޓާ ފިޓު ޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
އެމްޕީއެލުން ބުނި ގޮތުގައި، ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ނިޔާވި އަމީން އަކީ 2020 ވަނަ އަހަރުން ފެށިގެން އެމްޕީއެލްގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފެކެވެ. އޭނާގެ ކުއްލި ވަކިވުމާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުންނަށާއި އާއިލާއަށް ބޮޑު ހިތާމައެއް ވަނީ ލިބިފައެވެ.

