ހއ. ދިއްދޫގެ ބިން ހިއްކުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ހިއްކާފައިވާ 41 ހެކްޓަރަކީ މުޅި މަޝްރޫޢުގެ %36.61 މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 115 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫގެ ބިމުގެ ބޮޑުމިން ދެ ގުނައަށް އިތުރުވެގެންދާނެއެވެ.
މި މަޝްރޫޢުގައި ބޭނުންކުރަމުންދަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށްވާ "ލެއިވް އެރިކްޝަން" އެވެ. 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި މި ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރަކީ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ގެނައި ތިންވަނަ ޑްރެޖަރެވެ.
ދިއްދޫ ބިން ހިއްކުމުގެ މައިގަނޑު ބޭނުމަކީ އެ ރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމާއި، ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. ދިއްދޫގެ ރަޖިސްޓްރީވެފައިވާ އާބާދީ 5,000 ގައި އުޅޭއިރު، ތަޢުލީމާއި ޞިއްޙީ ޚިދުމަތް ހޯދުމަށް އެކި ރަށްރަށުން ހިޖުރަކޮށްފައިވާ މީހުންނާއެކު އެ ރަށުގެ އާބާދީ މިހާރު އުޅެނީ 7,000 އަށްވުރެ މަތީގައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިއްދޫއާއި އެ ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އެއަރޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، މުޅި އަތޮޅުގެ އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ.

