ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫގެ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ބިންގާ އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މި އިމާރާތަކީ ރިނބުދޫގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ވެވަޑައިގެންނެވި ވައުދުފުޅެއްގެ ފެށުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސް ރިނބުދޫއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، “މިއަދު މި އިހްތިފާލުވެގެން މިދަނީ މިރަށަށް އެހާމެ މުހިންމު މަޝްރޫޢެއް. ޞިއްޙީ މަރުކަޒަަށް އިތުރުކުރެވޭ އައު އިމާރާތުގެ ބިންގާ މިއަދު މި އެޅިގެންދިޔައީ. މިއީ ރިނބުދޫ ފަދަ އާބާދީ ބޮޑު ރަށްރަށަށް އެހާމެ މުހިންމު މަޝްރޫޢެއް،” ކަމަށެވެ. އަދި މި އައު އިމާރާތާއެކު ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޞިއްޙީ މަރުކަޒުގައި މުޅިން އައު ޚިދުމަތްތަކެއް ޤާއިމުކުރެވޭނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުން ފަރުވާ ހޯދުމަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު މަދުވެ، ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރަށުން ލިބިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

