ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ކުޑަހުވަދޫގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ސިއްޙީ ފަރުވާ ހޯދުމުގައި ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.
ކުޑަހުވަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާއި، ސިއްޙީ ދާއިރާގެ އިސްވެރިންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ޑަޔަލިސިސްގެ ޚިދުމަތަކީ ކިޑްނީގެ ބަލިތައް ތަހައްމަލުކުރާ މީހުންގެ ލޭ ސާފުކުރުމަށްޓަކައި ކޮންމެ ހަފްތާއަކު ދެތިން ދުވަހު ހޯދަންޖެހޭ މުހިންމު ފަރުވާއެކެވެ. ކުޑަހުވަދޫގައި އަލަށް ހުޅުވި ޑަޔަލިސިސް ސެންޓަރުން އެއްފަހަރާ ތިން މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން މި ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ދިގު ދަތުރުތަކަށް މި ބަދަލާއެކު ނިމުމެއް އަންނާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 11 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމްކުރެވިފައިވާ ކަމަށެވެ. “މި ދެއަހަރު ދުވަހުގެ ތެރޭގައި 11 ރަށެއްގައި މި ޚިދުމަތް މިހާރު މިވަނީ ފޯރުކޮށްދެވިފައި. މިއީ ކިހާބޮޑު ކާމިޔާބީއެއްކަން ތިބޭފުޅުންނަށް ވިސްނާލައްވަން އަޅުގަނޑު ދޫކޮށްލާނަން،” ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމެވެ. މާލެއާ އެއްގޮތަށް ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ސިއްޙީ ޚިދުމަތްތައް އެއްހަމައެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން، ސިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދަ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ބަދަލުތަކާއެކު މުޅި ސިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް އިތުބާރު ހުރި ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއެވެ.

