މިއަހަރުގެ ބަރަކާތްތެރި ރޯދަމަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާނީ ހަމައެކަނި ފުރަތަމަ ހަފްތާގައި ކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ދިރާސީ އައު އަހަރުގެ ކަލަންޑަރުގެ އެންމެ ފަހުގެ އަދާހަމައިގައެވެ.
ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައި، ދިރާސީ އަހަރުގެ މުހިންމު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންނަށް ކަނޑައަޅާފައިވާ ބަންދު ދުވަސްތައް ވަނީ ތަފްސީލުކޮށް ފާހަގަކޮށްފައެވެ. މި ކަލަންޑަރުގައިވާ ގޮތުން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަސް ފެށޭނީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހަށްފަހު، ފެބްރުއަރީ 19 އަކީ ސްކޫލް ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ސްކޫލްތަކުގައި ރޯދަމަހުގެ ކިޔެވުން ކުރިއަށްދާނީ ފެބްރުއަރީ 22 އިން 26 އަށް ކަމަށް ކަލަންޑަރުގައި ފާހަގަކޮށްފައިވެއެވެ.
ފެބްރުއަރީ މަހުގެ ފަހު ހަފްތާ ބަންދަށްފަހު، މާޗް 1 އިން 8 އަށް ދަރިވަރުންގެ ކިޔެވުމެއް ނޯންނާނެއެވެ. އެ ދުވަސްތަކަކީ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ދުވަސްތަކުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. އެއަށްފަހު މާޗް 9 އިން 22 އަށް ރޯދަމަހުގެ ފަހު ދިހައެއްގެ ދުވަސްތަކާ ގުޅިގެން ސަރުކާރު ބަންދުވާނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަސް ދިމާވަނީ މާޗް މަހުގެ 20 ވަނަ ދުވަހަށެވެ. ރޯދަމަހާއި ޢީދު ބަންދަށްފަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމަށް ތާވަލުކޮށްފައިވަނީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.

