ރާއްޖޭގައި ހެލިކަޕްޓަރުގެ ހިދުމަތް ފެށުމަށްޓަކައި، އެ އުޅަނދުތައް އޮޕަރޭޓްކުރާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ. މިއީ މި ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް އެ ވުޒާރާއިން ފުރުސަތު ހުޅުވާލި ތިންވަނަ ފަހަރެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުއްލި އެމާޖެންސީ ހާލަތްތަކަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުންނާއި، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކަޕްޓަރު ދަތުރުތައް އޮޕަރޭޓް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން ކޮމާޝަލް ހެލިކަޕްޓަރު ފަސިންޖަރުންގެ ހިދުމަތް ރާއްޖޭގައި ދިނުމަށް 10 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. މި އެއްބަސްވުމުގެ ދަށުން ހޮވޭ އޮޕަރޭޓަރުންނަކީ އިމަޖެންސީ މެޑިކަލް ސާވިސަސް އާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ބައެއް ކަމަށް ވުޒާރާއިން ބުނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މާރިޗް މަހުގެ 25 ވަނަ ދުވަހެވެ. ރާއްޖޭގައި މި ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) މެދުވެރިކޮށް ޚާއްސަ ދިރާސާއެއް ވެސް ވަނީ ހަދާފައެވެ.
ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގައި ހެލިކަޕްޓަރުގެ ހިދުމަތް ދޭނީ އެ ދިރާސާގައި ބަޔާންކޮށްފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށާއި ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

