ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މެދުގައި ހާއްސަ ވައިގެ ދަތުރުތަކެއް އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
މި ދަތުރުތަކަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެކުނުގެ އަތޮޅުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ފަށާ ހިދުމަތެކެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި މި ހިދުމަތުގެ ބޭނުމަކީ ދެކުނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުމުގައާއި، ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރުތަކުގައި އިތުބާރު ހުރި، އަވަސް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދިނުމެވެ. މި ދަތުރުތަކަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޓްވިން އޮޓާ (Twin Otter) މަރުކާގެ ބޯޓުތަކެވެ. މި ބޯޓުތައް ދަތުރުކުރާނީ އައްޑޫ ސިޓީ ގަން، ފުވައްމުލައް ސިޓީ، ގދ. ކާޑެއްދޫ އަދި ގއ. ކޫއްޑޫގެ މެދުގައެވެ.
އިގްތިސާދީ އަދި އިޖުތިމާއީ ފައިދާ
މި ހިދުމަތުގެ ސަބަބުން ގއ، ގދ. އަތޮޅު އަދި ފުވައްމުލަކު ސިޓީގެ މެދުގައި ކުރެވޭ ދަތުރުތައް ފަސޭހަވެ، އައްޑޫ ސިޓީގެ ގަން އެއާޕޯޓަކީ ދެކުނުގެ މައި މަރުކަޒެއްގެ ގޮތުގައި ވަރުގަދަވެގެންދާނެ ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ. “ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މި ހިދުމަތުގެ ސަބަބުން ވަޒީފާއާއި، ތައުލީމާއި އަދި އަމިއްލަ އެކި ބޭނުންތަކަށް ރަށްރަށުގެ މެދުގައި ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ،” މޯލްޑިވިއަނުން ނެރުނު ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މި ދަތުރުތަކުގެ ސަބަބުން ދެކުނުގެ ފަތުރުވެރިކަމަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ. ގަން އެއާޕޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ދިއުމަށް ފަސޭހަވެ، މޫސުމަށް ބަރޯސާވާންޖެހޭ ކަނޑުދަތުރުފަތުރަށް ކުރަންޖެހޭ އިންތިޒާރުތަކަށް ނިމުމެއް އަންނާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
އިއްޔެއިން ފެށިގެން މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ދަތުރުތަކުގެ އަގުތަކަށް ބަލާއިރު
ދަތުރުގެ އަގުތައް:
- ގަން – ފުވައްމުލައް: 500 ރުފިޔާ
- ފުވައްމުލައް – ކާޑެއްދޫ: 650 ރުފިޔާ
- ފުވައްމުލައް – ކޫއްޑޫ: 650 ރުފިޔާ
- ގަން – ކާޑެއްދޫ: 900 ރުފިޔާ
- ގަން – ކޫއްޑޫ: 900 ރުފިޔާ
މޯލްޑިވިއަނުން ބުނީ މިއީ ދަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މުޅި ރާއްޖެއަށް އިތުބާރު ހުރި ވައިގެ ދަތުރުފަތުރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް އެ އެއާލައިނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

