ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޕައިލެޓުން ހޯދަން އިއުލާނުކޮށްފިއެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އައިލޭންޑް އޭވިއޭޝަނުން ބުނި ގޮތުގައި މިފަހަރު ޕައިލެޓުން ހޯދަމުން ދަނީ އެ އެއާލައިންގެ ސީޕްލޭން ފްލީޓުގައި ހިމެނޭ ޑީއެޗްސީ-6 (DHC-6) މަރުކާގެ މަތިންދާބޯޓުތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ކެޕްޓަނުންނާއި ފަސްޓް އޮފިސަރުންގެ މަގާމުތަކެވެ.
ކެޕްޓަންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މަދުވެގެން ޖުމްލަ 5,000 ގަޑިއިރުގެ އުދުހުމުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން ޑީއެޗްސީ-6 މަރުކާގެ ފްލައިޓުން މަދުވެގެން 4,000 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެ މަރުކާގެ ފްލައިޓްތަކުގެ ކޮމާންޑްގެ ގޮތުގައި މަދުވެގެން 2,500 ގަޑިއިރު ހަމަކޮށްފައިވާން ޖެހޭނެ ކަމަށް އައިއޭއެސްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ފަސްޓް އޮފިސަރުންގެ މަގާމަށް ބަލާއިރު، މަދުވެގެން 1,000 ގަޑިއިރުގެ އުދުހުމުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. އަދި މީގެ ތެރެއިން ޑީއެޗްސީ-6 މަރުކާގެ ފްލައިޓުން މަދުވެގެން 750 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަނުން ހުޅުވާލާފައިވާ މި މަގާމުތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހެވެ.

