ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް ގާއިމުކުރާ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދެވިއްޖެ ނަމަ، އެ ސަރަހައްދުގެ ފަތުރުވެރިކަން ބޮޑުތަނުން ކުރިއަރާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނ. ވެލިދޫއާއި މާލެއާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަކީ ކަނޑު ދަތުރުފަތުރުގެ އިތުރުން ވައިގެ މަގުން ރަށްތައް ގުޅައިލުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ މުހިންމު ބައެއް ކަމަށެވެ. މިހާރުވެސް ބ. އަތޮޅުގެ ދެ ރަށަކަށް މޯލްޑިވިއަންއިން ސީޕްލޭން ދަތުރުތައް ކުރަމުންދާއިރު، އަންނަ ފެބްރުއަރީ މަހު އއ. ތޮއްޑޫއަށްވެސް މި ޚިދުމަތް ފެށޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަކީ ބޮޑު ހޭދައެއް ހިނގާ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ލޯކަލް ޓޫރިޒަމާއި އިގުތިސާދު ކުރިއެރުވުމަށް މިފަދަ ނިޒާމެއްގެ މުހިންމުކަން ބޮޑު ކަމަށެވެ. “ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާފައި މިފަދަ އޮޕަރޭޝަނެއް ހިންގުމަކީ ހަރަދު ބޮޑު މަސައްކަތެއް. އެހެންނަމަވެސް ތަރައްގީގެ ގޮތުންނާއި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުންނާއި އުމްރާނީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ކުރުމުގައިވެސް ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިއްމު މަސައްކަތެއް،” ވަޒީރު ވިދާޅުވިއެވެ.
ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީ ގަން މަރުކަޒެއްގެ ގޮތުގައި ބަލައިގެން އައްޑޫއާއި ހުވަދު އަތޮޅުގެ ހަތަރު ބައި ގުޅައިލުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށެވެ. މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ވައިގެ އުދުހުންތަކުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، މީގެ ސަބަބުން ފަސިންޖަރުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.

