ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިއަދު ފަށައިފިއެވެ. މި މަސައްކަތުގެ ފުރަތަމަ ދުވަހު ޖުމްލަ 41 ފަރާތަކަށް ގޯތި ހަވާލުކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ގުޅީފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރުމުގެ ކުރިން ބިންތައް ސާފުކޮށް، އިން ވަކިކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިއަދު ކުރިއަށްދިޔަ ހަރަކާތަކީ އެ ބިންތަކުގެ އިން ފާހަގަކޮށް، ވެރިފަރާތްތަކާ ބިން ހަވާލުކުރުމުގެ ރަސްމީ މަސައްކަތެވެ.
ކުރީ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލާ ގުޅިގެން ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައި، ގުރުއަތު ނެގުމަށްފަހު އައު ރަޖިސްޓްރީތައް ވަނީ ދޫކޮށްފައެވެ.
ސަރުކާރުގެ މިހާރުގެ ނިންމުމަކީ ގުޅީފަޅުން ޖުމްލަ 2,438 ގޯތި ދޫކުރުމަށެވެ. މީގެ ތެރޭގައި ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރި ގޯތިތައް ވެސް ހިމެނެއެވެ.
ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނުގައި ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ އިތުރުން، ސޯޝަލް ހައުސިންއަށާއި، ތައުލީމީ، ސިއްޙީ، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ސިޓީ ހޮޓާ ފަދަ ވިޔަފާރިތަކަށާއި، ހިތްފަސޭހަ ދިރިއުޅުމަކަށް ބޭނުންވާ ޕާކުތަކާއި ކުޅިވަރު ސަރަހައްދުތައް ވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ.

