ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ގުޅާލައި، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދެއްވުން ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫއާއި މާލެއާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، ވެލިދޫއަށް ޝެޑިއުލްކޮށްގެން ސީޕްލޭން ދަތުރުތައް ފެށުމަކީ އެ ރަށަށާއި ކައިރީގައި އޮތް ފޮއްދޫގެ ރައްޔިތުންނަށް ވެސް ތާރީހީ ދުވަހެއް ކަމަށެވެ. މިއީ އެ ދެ ރަށުގެ ރައްޔިތުން އެދިއެދި ތިބި ކަމެއް ހަގީގަތަކަށް ވެގެންދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިޔާސް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރަކީ ދުރު ރާސްތާގެ ތަސައްވުރެއް ކަމަށާއި، އޭގެ އެއް ބަޔަކީ ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ރަށްތައް ގުޅުވައިލާ ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެއްވުން ކަމަށެވެ. 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓުފޯމެއް ގާއިމުކޮށް ހިދުމަތް ފައްޓަވާނެކަން ރައީސް ކުރިން އިއުލާނުކުރައްވާފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
ސީޕްލޭން ހިދުމަތް ފެށުމާއެކު ރައްޔިތުން ދަތުރުފަތުރަށް ހޭދަކުރާ ވަގުތު ކުރުވެ، އަސާސީ ހިދުމަތްތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އިޔާސް ވިދާޅުވިއެވެ. “މިއީ ކޮންމެ ވަގުތެއްގައިވެސް ދަތުރުކުރެވޭނެ އަމާން މަގެއް ކަމުގައި ވެގެންދާނެ. މި ހިދުމަތުގެ ސަބަބުން މި ސަރަހައްދުގެ ލޯކަލް ޓޫރިޒަމަށް އިތުރު ދޮރުތައް ހުޅުވި، ރައްޔިތުންގެ އަސާސީ ބޭނުންތަކަށާއި ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ކުރާ ދަތުރުތަކަށް ލުއެއް ލިބިގެންދާނެ،” އިޔާސް ވިދާޅުވިއެވެ.
މި ހިދުމަތް ފޯރުކޮށްދެނީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ މަގުސަދުގައި ކަމަށްވާތީ، ޓިކެޓުގެ އަގުތައް ހުންނާނީ އަތްފޯރާ ފަށުގައެވެ. އެގޮތުން ވެލިދޫއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް ދިވެހިންނަށް ނަގާނީ 999 ރުފިޔާއެވެ. އަދި ފަތުރުވެރިންނަށް ކަނޑައަޅާފައިވަނީ 93 ޑޮލަރެވެ.
މޯލްޑިވިއަން އިން މިހާރު ވެސް އަންނަނީ ބ. ފުޅަދޫއާއި ކަމަދޫގެ އިތުރުން އއ. ތޮއްޑޫއަށް ވެސް ސީޕްލޭން ދަތުރުތައް ބާއްވަމުންނެވެ. މި އައު ހިދުމަތާއެކު ވެލިދޫއާއި ފޮއްދޫގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެ، އިގްތިސާދީ ގޮތުން އެ ރަށްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

