ނޫނު އަތޮޅު ވެލިދޫއަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެއް ފުއްދެވުމުގެ ގޮތުން ފެށި ދަތުރުތަކެކެވެ.
ވެލިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ދަތުރުތައް އިފްތިތާޙްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް އާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ވެލިދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުތައް ފެށުމަށްޓަކައި ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް، ކައުންސިލް އިދާރާގައި ދަތުރުވެރިން ޗެކިން ކުރުމަށާއި މަޑުކޮށްލައިގެން ތިބުމަށް ޚާއްސަ ލައުންޖެއް ވަނީ ތައްޔާރުކޮށްފައެވެ. މިއަދު މެންދުރު 1:40 ގައި ޗެކިން ފަށައި، ފުރަތަމަ ފްލައިޓް 2:40 ހާއިރު ވެލިދޫއިން ފުރާފައިވާއިރު، މި ފްލައިޓުގައި ދިވެހިންނާއި ފަތުރުވެރިން ހިމެނޭހެން 15 މީހުން މާލެއަށް ދަތުރުކުރިއެވެ.
މޯލްޑިވިއަނުން މަޢުލޫމާތު ދޭގޮތުގައި ވެލިދޫއަށް ހަފްތާއަކު ދެ ދުވަހު ސީޕްލޭން ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހެވެ. މީގެ އިތުރުން ދިވެހިންނަށް ޚާއްސަ ފެއަރއެއްގެ ދަށުން އެއްކޮޅު ޓިކެޓެއް 999 ރުފިޔާއަށް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ވެލިދޫއަށް ކުރެއްވި ޒިޔާރާތުގައި ވަނީ މިއަހަރުގެ ޖަނަވަރީ މަހު ސީޕްލޭން ދަތުރުތައް ފަށާނެކަމަށް ވިދާޅުވެފައެވެ. ރައީސް އޭރު ވިދާޅުވީ މި ދަތުރުތައް ކުރިއަށްދާނީ އެ އަތޮޅު ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީ ކުރެވެންދެން ކަމަށާއި، ނަމަވެސް އޭގެ ފަހުންވެސް ރައްޔިތުން ބޭނުންވާނަމަ ސީޕްލޭން ދަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި ދަތުރުތައް ފެށުމަކީ ނޫނު އަތޮޅުގެ ފަތުރުވެރިކަން ފުޅާކޮށް، ރަށުގެ ރައްޔިތުންނަށާއި އެ ސަރަޙައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަނުން ފާހަގަކުރެއެވެ.

