މާލޭގެ ބޮޑުތަކުރުފާނު މަގު ބާޒާރު ސަރަޙައްދު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދާ ސަރަހައްދުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެމްޓީސީސީން ވިދާޅުވީ، މިހާރު ކުރިއަށްދާ ދެވަނަ ސެގްމެންޓުގެ ތެރެއިން 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ފިޔަވަހިތަކާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، މަގުތަކުގައި ކާނު ބެހެއްޓުމާއި ދުވާރުތައް އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ބާޒާރުމަތީގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެއެވެ.
އެމްޓީސީސީގެ އަމާޒަކީ އަންނަ ރަމަޟާން މަހުގެ ކުރިން މި ސެގްމެންޓުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލައި، އާންމުންނަށް ބޭނުންކުރުމަށް މަގު ހުޅުވާލުމެވެ. މިއީ މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ މަސައްކަތެއް ކަމަށް ސަރުކާރުން ދެކެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

