އިސްލާމް ދީނަށް ޚިދުމަތް ކުރުމުގެ މަތިވެރި މައިދާނަށް ދިވެހި ޒުވާން ޖީލުން މުޅިން އާ ތަރިތަކެއް ނެރުމަށް ޚާއްޞަ ޕުރޮގުރާމުތަކެއް ހިންގަން ފަށައިފިއެވެ.
މަޝްހޫރު ދާޢީ ޢަލީ ރަމީޒު އިސްކޮށް ޙަރަކާތްތެރިވާ މަންފާ ޖަމިއްޔާއާއި، "ޚިދުމަތް" ޖަމިއްޔާ، "އުކުޅަސްހޯޕް" އަދި "ޖަމިއްޔަތުލް ޤަލަމް" ގުޅިގެން ށ. މާއުނގޫދޫގައި މިހާރު ދަނީ "ފިޔުޗަރ އިމާމް" ޕުރޮގުރާމު ކުރިއަށް ގެންދަމުންނެވެ. އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕުރޮގުރާމުގައި ޢަލީ ރަމީޒުގެ ޚާއްޞަ ސެޝަންތަކެއް ޒުވާން އިމާމުންނާއި ޚަތީބުންނަށް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕުރޮގުރާމުގައި ބައިވެރިންނަށް ބަންގި ގޮވުމާއި، ޚުތުބާ ކިޔުމާއި ނަމާދުގެ ފިޤުހީ ބައިތައް އުނގަންނައިދެއްވަނީ އައްޝެއިޚް ސާޖިދު މުޙައްމަދެވެ. އަދި ކިޔަވައިދޭ ބައިތައް ހުށަހެޅުމުގައި އަޑު ބޭނުންކުރާނެ ގޮތާއި ސަމާލުކަން ދޭންޖެހޭ ފަންނީ ކަންކަން ދަސްކޮށްދެއްވަނީ މަރުޙޫމް އައްޝެއިޚް އިބުރާހީމް ފަރީދު ރަޙިމަހުﷲގެ ދަރިކަލުން ޢަބްދުﷲ ފަރީދެވެ. މީގެ އިތުރުންވެސް އެކި ދާއިރާތަކުގެ އިލްމާއި ފަންނީ ތަޖުރިބާކާރުން މި ޕުރޮގުރާމުގެ ތެރެއިން ޒުވާނުން ތަމްރީނު ކުރުމުގައި ބައިވެރިވެއެވެ.
"ފިޔުޗަރ އިމާމް" ޕްރޮގުރާމުގެ މައިގަނޑު މަޤްސަދަކީ މިސްކިތްތަކާއި ދީނީ އެކި މައިދާންތަކަށް ބޭނުންވާ ޤާބިލު ޒުވާން އިމާމުންނާއި ޚަޠީބުންނާއި މުދިމުން ބިނާކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެހީތެރިވެ އެއްބާރުލުން ދިނުމެވެ. ޚާއްޞަކޮށް، ބަންގީގެ އަޑުން ލިބޭ އުފާވެރިކަމާ ހިތްގައިމުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭން ދަސްކޮށްދިނުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މި ސެޝަންތަކުގެ މުހިންމު ބައެކެވެ.
މި ޕުރޮގުރާމުގެ ސަބަބުން ބައިވެރިންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް އަޑު ބޭނުންކުރުމުގެ އުކުޅުތައް ދަސްވެ، ދީނީ ކަންކަމަށް އޮތް ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. މިއީ މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އިސްލާމީ ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓުމަންޓެއްގެ ގޮތުގައި އިންތިޒާމުކުރާ ޖަމިއްޔާތަކުން ސިފަކުރެއެވެ.
ށ. މާއުނގޫދޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި، މިއީ ރަށުގެ ޒުވާން ޖީލު ހެޔޮގޮތުގައި ބިނާކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެކެވެ. މާއުނގޫދޫއަކީ މި ކޯސް ކުރިޔަށް ގެންދާ ތިންވަނަ ރަށަށްވާއިރު، މި ޕުރޮގުރާމު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލުތަކަށް އެ ފުރުޞަތު އޮތްކަން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.



