ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ތަހުގީގު ކުރަމުންދާ މައްސަލައަކަށް ބޭނުންވާ ހެކި ހޯދުމުގެ މަސައްކަތުގެ ތެރެއިންނެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ގެވެށި އަނިޔާގެ މައްސަލައަކާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މައްސަލައެއް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން މީދޫގެ ބައެއް ރައްޔިތުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެފައެވެ. ފުލުހުން ބުނި ގޮތުގައި، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެ، ފުލުހުންނާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ.

