ނިމިދިޔަ 2025 ވަނަ އަހަރަކީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ބަޖެޓުން ލޯނުތައް އަނބުރާ ދެއްކުމަށް އެންމެ ބޮޑު ހޭދައެއް ކުރި އަހަރު ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު ލޯނު ދެއްކުމަށް އެކަނިވެސް 5.1 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި 3.8 ބިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އަދި 2024 ވަނަ އަހަރު ލޯނު ދެއްކުމަށް ޚަރަދުކުރި 2.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއީ 121.7 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރި ހޭދައިގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ލޯނުތަކުގެ އިންޓްރެސްޓެވެ. އެގޮތުން ލޯނު އިންޓްރެސްޓްގެ ގޮތުގައި އެކަނިވެސް 4.6 ބިލިޔަން ރުފިޔާ ސަރުކާރުން ދައްކާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ. ބޭރުގެ ފަރާތްތަކަށް ލޯނު ދެއްކުމަށް ޖުމްލަ 2.9 ބިލިޔަން ރުފިޔާ ހޭދަކުރިއިރު، މީގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި އެކި ގައުމުތަކުން ނަގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ލޯނުތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޚަރަދުތައް ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކާއެކު، ދައުލަތުގެ ބަޖެޓުގެ ޑެފިސިޓަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް 13.1 ބިލިޔަން ރުފިޔާގައި ހުރި އޯވަރޯލް ޑެފިސިޓް، 2025 ވަނަ އަހަރުގެ ނިޔަލަށް ވަނީ 3.5 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މީގެ އިތުރުން، ދަރަނީގެ އިންޓްރެސްޓް ނުހިމަނައި ބަލާ ޕްރައިމަރީ ބެލެންސްވެސް ވަނީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ސަރޕްލަސްއަކަށް ބަދަލުވެފައެވެ. 2024 ވަނަ އަހަރު 8.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެއްގައި ހުރި ޕްރައިމަރީ ބެލެންސް، 2025 ނިމުނުއިރު ހުރީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.
ކުރީގެ ސަރުކާރުން ދަރަނި އަދާކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތާ މެދު އިންވެސްޓަރުންގެ މެދުގައި އޮތް ބިރުވެރިކަން މިހާރު ވަނީ ކުޑަވެފައެވެ. 2024 ވަނަ އަހަރުގެ އެޕްރީލް މަހު ރާއްޖޭގެ ސުކޫކުގެ އަގު ޑޮލަރަކަށް 67.4 ސެންޓަށް ދަށްވެފައި އޮތް ނަމަވެސް، ސަރުކާރުން ދަރަނިތައް ގަވާއިދުން ދައްކަމުން ދިއުމުގެ ސަބަބުން ސުކޫކުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ.
ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. މި ސުކޫކުގެ އިންޓްރެސްޓުގެ ގޮތުގައި އަހަރަކު 50 މިލިޔަން ޑޮލަރު ދައްކަންޖެހޭއިރު، ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމެވެ.

